މިސްރުގައި ބޯޓެއްގައި ރޯވެ ފަތުރުވެރިންތަކެއް މަރުވެއްޖެއެވެ.

މިސްރުގެ ފަތުރުވެރިކަމަށް މަޝްހޫރު މަރްސާ އަލަމް ގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އިގިރޭސިވިލާތަށް ނިސްބަތްވާ ތިން މީހަކު ކަމަށް އިނގިރޭސި ޓްރެވަލް އެޖެންސީން ބުނެފައިވެއެވެ.

އެ އެޖެންސީން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އެ ތިން މީހުންނަކީ އެބޯޓުގައި ޑައިވް ކުރުމަށް ދިޔަ ބައެކެވެ.

ހަރިކޭން ނަމަކަށް ކިޔާ އެބޯޓުގައި 15 ޑައިވަރުން ތިބިކަމަށް އެޖެންސީން ބުނެއެވެ. ހާދިސާ ހިނގި ވަގުތަކީ ޑައިވަރުންނަށް ހެނދުނުގެ ބްރީފިން ދެމުން ދިޔަ ވަގުތު ކަމަށް އެޖެންސީން ބުނާއިރު މަރުވި ތިން މީހުން ބްރީފިންގައި ބައިވެރި ނުވާކަމަށާއި އެމީހުންނަށް ސަލާމަތް ވާނެ ފުރުސަތެއް ނުލިބި ބޯޓު ތެރޭގައި ތާށިވީ ކަމަށް ބުނެފައިވެއެވެ.

ބޯޓުގައި އަލިފާން ރޯވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާއިރު އަދި މިހާތަނަށް ރަސްމީ އިދާރާއަކުން އެކަމާ ގުޅިގެން މައުލޫމާތު ދީފައެއް ނުވެއެވެ.

ބޯޓުން ސަލާމަތްވީ މީހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ވަނީ ހާދިސާ ހިނގާފައިވަނީ އިންޖީނު ރޫމުގައި ރޯވެގެން ކަމަށާއި ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓެއް ކަމަށް ބުނެފައެވެ.