ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ބަހުސް ކުރާނެ ވަގުތު ކަނޑައެޅިފައި ނެތުމަކީ އެ މައްސަލަ އެޖެންޑާ ނުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ރަސްމީ ތިން ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި 14 ދުވަހުގެ ތެރޭގައި އެޖެންޑާ ކުރަން މަޖިލީހުގެ ގަވައިދުގައި އޮންނަ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ބަހުސްގެ ވަގުތު ކަނޑައެޅުމުގެ ޒިންމާ އޮންނަނީ އާއްމު ކޮމިޓީއަށް ކަމަށާއި ނަމަވެސް އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ނެތުމުން ކޮމިޓީ އޮތީ ހުއްޓިފައި ކަމަށެވެ. އަދި އެ ކޮމިޓީއަށް އަލުން މުގައްރިރަކާއި ނައިބު މުގައްރިރަކު ކަނޑައަޅަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެކަން މަޖިލީހުގެ އަމީން އާންމަށް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން އެ މައްސަލަ މިހާރު އެޖެންޑާ ކުރެވެން ޖެހޭނެ. ބަހުސްގެ ވަގުތު ކަނޑަނޭޅި އޮތީމަ ބަހުސްއަށް ވަގުތު ނެތީ. އެހެންވީމާ އާންމު ކޮމިޓީ، އެ ބަހުސްވެސް ކުރިއަށްގެންދެވޭނެ ނޫންތޯ؟ މަޖިލީހުގެ ފްލޯއިން ދެން ގޮތެއް ނިންމޭނެ ނޫންތޯ. މަޖިލީހުގެ ކަންކަން ނިންމަނީ މަޖިލީހުގެ ފްލޯއިން މަޖިލީހުގެ މެޖޯރިޓީން. އެހެންވީމާ ގަވައިދު ބަޔާންކުރާ ގޮތުން އާންމު ކޮމިޓީން ވަގުތު ކަނޑައަޅަން ޖެހޭ. އަދި ގަވައިދުގައި އޮވޭ ދެ ގަޑިއިރޭ އެއީ ދިގު ބަހުސަށް މެންބަރުން ވާހަކަ ދައްކަވަން. އާއްމު ކޮމިޓީތަކަށްވުރެ ކޮމިޓީގެ ފްލޯ މާ ވަރުގަދަވާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ބަހުސްގެ ވަގުތު ކަނޑަ ނޭޅުމަކީ އީވާގެ މައްސަލަ އެޖެންޑާ ނުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެ މައްސަލަ މަޖިލީހުގެ ރައީސް އެޖެންޑާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމަށް ގަނޫނީ ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާގެ މައްސަލަ އެޖެންޑާކޮށްދިނުމަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެދިފައިވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާގައިވެސް ހިމަނާފައެއް ނުވެއެވެ. އެހެންވެ މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި ޖަލްސާ ކުރިއަށް ނުގެންދެވިގެން މިއަދު ޖަލްސާ ވަނީ ނިންމާލައިފައެވެ.