އިއްޔެ އަވަހާރަވި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.

ހުސް ވަގުތުކޮޅަކަށްފަހު މަޖިލިސް ފައްޓަވަމުން، މަޖިލިސް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އަބްދުﷲ ޖަމީލްގެ ހަނދާނުގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މަޖިލިސް އިދާރާގައި ދަފުތަރު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އަބްދުﷲ ޖަމީލް އަވަހާރަވީ ގިނަ ދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިއްޔެ ހެނދުނު މާލޭގައި އޭނާގެ ގޭގައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ޖަމީލް ވަނީ ހަ މިނިސްޓްރީގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އެޓޮލްސް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީގެ ވަޒީރުކަން ކުރައްވައިފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅުގެ މެމްބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފައިވާ އިރު، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެމްބަރުކަން ވެސް އޭނާ ވަނީ 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފައެވެ.

އޭނާއަކީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ބައްޕާފުޅެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލް ބޭބޭފުޅެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމުން އޭނާއަށް ވަނީ 2008 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައެވެ. އޭނާ ވަނީ ދައުލަތަށް 54 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.