މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދިއުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ފަސް މިނެޓަށް ޖަލްސާ މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ، އެ ދެބޭފުޅުން ވަނީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެފައެވެ.
އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދަވަނީ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ.
ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ އެކަން މަޖިިލިސް ތަޅުމުގައި އިއުލާން ކުރައްވައިފައެވެ.
އަފީފު ޖަލްސާގެ ރިޔާސަތަށް ވަޑައިގަތުމާއެކީ އެމްޑީޕީ މެމްބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވިއެވެ.
އެ މެންބަރުން މަޖިލިސް ގަވާއިދާ ހަވާލާ ދެއްވައި، އާއްމު ގޮތެއްގައި ފާހަގަ ކުރައްވަމުން ގެންދެވީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ނުނިންމައި، އެހެން މަސައްކަތަކެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި މިއަދުގެ ޖަލްސާގެ އެޖެންޑާ އެކުލަވައިލި ގޮތާއި މަޖިލީހުގެ ރިޔާސަތު އަފީފާ ހަވާލުކުރަން ޖެހުނު ގޮތާމެދުގައެވެ.
ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވައި، މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. މެމްބަރުން ތަކުރާރުކޮށް ގޮވަމުން ގެންދެވީ އަފީފު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަވަނީ މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ރިޔާސަތުން ފޭބުމަށްވެސް ބައެއް މެންބަރުން ގޮވަމުންދިޔައެވެ.
ނިޒާމީ މައްސަލައިގެ އަޑުގަދަ ކުރުމާހެދި މިއަދުގެ ޖަލްސާގެ މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި އެ މަސައްކަތްވެސް ކުރިއަކަށް ނުގެންދެވުނެވެ.
މިއަދުގެ ޖަލްސާގައި ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީގެ ޕްލޭނާ ބެހޭގޮތުން ޓްރާންސްޕޯޓް މިިނިސްޓަރު އާއިޝަތު ނައހުލާއާ ސުވާލުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ އުތުރު ދާިއރާގެ މެންބަރު އަބްދުލް މުގުނީއެވެ.
ޖަލްސާގައި އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވީވެސް މުގުނީއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް އަފީފު ވަޑައިގެންނެވި ގޮތް މަޖިލީހުގެ ރެކޯޑަށްޓަކައި ވިދާޅުވެދެއްވުމުން ކަމަށެވެ.
ނަމަވެސް އަފީފު ވިދާޅުވީ މެމްބަރު، މިނިސްޓަރާ ސުވާލު ކުރަން ބޭނުން ނޫންނަމަ، މަޖިލީހުން ވަޑައިގަތުމަށް މިނިސްޓަރު ނަހުލާއަށް ދަންނަވާ ކަމަށެވެ. އަދި އެހެން ދުވަހަކުން އެ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ދަންނަވާނެ ކަމަށް ވިދާޅުވެ އަފީފު މިނިސްޓަރު ނަހުލާ ފޮނުއްވައިލެއްވިއެވެ.
އޭގެ ފަހުން މަޖިލިސް ތަޅުމުގައި އިތުރަށް އަޑުގަދަވެ، ނިޒާމީ ނުކުތާތަކާއެކު ރިޔާސަތާ ދެކޮޅަށް މަޖިލިސް ތަޅުމުގައި އިހުތިޖާޖެއް ފެށުނެވެ.
އެކަމުގެ ތެރެއިން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އަފީފު ބައެއް މެންބަރުންނަށް އެންގެވިއެވެ. ނަމަވެސް އެއްވެސް މެންބަރެއްގެ ނަމެއް ނީއްވައެވެ.
އެ އިހުތިޖާޖުގެ ތެރެއިން ޖަލްސާ ކުރިއށްގެންދަން ދަތިވެގެން ފަސް މިނެޓްގެ ވަގުތަށް ކަމަށް ވިދާޅުވެ، 9:30 އެކާން ހާއިރު އަފީފު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު