ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަށާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް އައިޓީ ސާމާނު ހަވާލުކޮށްފިއެވެ.

މީރުމާ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި، ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރިއަށް ގެންދާ އެ މަސައްކަތަކީ ރާއްޖޭގައި ހިންގާ އައިސީޓީ ހާޑްވެއާގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. އެގޮތުން އެ މަޝްރޫއުއަށް 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

  • 608 ކޮމްޕިއުޓަރު ސިސްޓަމް
  • 44 ލެޕްޓޮޕް
  • 500 ޓެބްލެޓް
  • 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް
  • 551 ޕްރިންޓަރު

ހެލްތު މިނިސްޓްރީން ބުނީ، މިއަދު ހަވާލުކުރި އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފ. އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތްކެއާ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެ ކަމަށް ބުންޏެވެ.