އެމެރިކާގެ ނިއުކްލިއާ ބައެއް ސިއްރުތައް ފޮރުވާފައި ހުރީ ޓްރަމްޕްގެ ފާހަނާގައި ކަމަށް ތަހުގީގުން ހާމަވެއްޖެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އެގައުމުގެ ސިއްރު މައުލޫމާތު ހިމެނޭ ލިޔުންތަކާއި ނިއުކްލިއާ ސިއްރުތަކާއި މިލިޓަރީ ޕްލޭންތަކުގެ ލިޔުންތައް ގެންގުޅުއްވުމާއި ފަރުވާ ކުޑަކުރެއްވުމުގެ އިތުރުން ނަހަމަ ގޮތުގައި އެ ލިޔުންތައް ބޭނުންކުރައްވައި އެކަން ފޮރުއްވުމަށް މަސައްކަތް ކުރެއްވިކަމަށް ތަހުގީގުކޮށް ޝަރީއަތް ވަނީ ފަށާފައެވެ.

ޓްރަމްޕްގެ މައްޗަށް 37 ދައުވާއެއް އުފުލާފައިވާއިރު އެމެރިކާގެ ސިއްރު ލިޔުންތައް ފެނިފައިވަނީ ޓްރަމްޕްގެ ގޭގެ ބޯލްރޫމްގެ އިތުރުން ފާހަނާއިން ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނުވެސް ކުރައްވައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އިންތިހާބުގައި ވާދަކުރައްވާނެތީ އެ ކަމުގެ ސަބަބުން އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނެ އެ ހުރިހާ ދައުވާއަކަށް އިންކާރުކުރައްވައިފައެވެ.

އެމެރިކާގެ ގާނޫނީ މާހިރުން ވަނީ ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެނަމަ އޭނާއަށް ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ.