ފްރެންޗް އޯޕަން ސެމީ ފައިނަލުގައި އިއްޔެ ކުޅުނު މެޗުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ކައިރިން ދުނިޔޭގެ ރޭންކިން އެއްވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިވެއްޖެއެވެ.

އުމުރުން 20 އަހަރުގެ އަލްކަރާޒް ކެރިއަރުގައި ފުރަތަމަ ގްރޭންޑް ސްލޭމް ހޯދީ މިދިޔަ އަހަރުއެވެ. އެއީ އެމެރިކާގެ ނިއު ޔޯކްގައެވެ. އަދި ރޭ ކުޅުނު މެޗަކީ އޭނާގެ ކެރިއަރުގައި ކުރިމަތިލި ދެވަނަ ބޮޑު ސެމީ ފައިނަލެވެ. އިދިކޮޅަށް ނުކުތް 36 އަހަރުގެ ޖޮކޮވިޗް ރޭ ނުކުތީ އޭނާ ކެރިއަރުގެ 45 ވަނަ ސެމީ މެޗަށެވެ.

މިހާތަނަށް ކެރިއަރުގައި ޓެނިހުގެ މޭޖާ 22 ތަށި ހޯދާފައިވާ ޖޮކޮވިޗް އިއްޔެގެ މެޗަށް ނުކުމެ ފައިނަލް ޔަގީންކުރީ 4-1 ސެޓުން މެޗު ގެންގޮސްގެންނެވެ. ފުރަތަމަ ސެޓު ޖޮކޮވިޗް 6-3 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓު އަލްކަރާޒް ގެންދިޔައީ 7-5 އިންނެވެ. ދެން ޖެހިގެން އައި ދެސެޓުވެސް ޖޮކޮވިޗް ގެންދިޔައީ 6-1 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގެ ތިންވަނަ ސެޓު ތެރެއިން އަލްކަރާޒް އަކުނިވަޔަށް ދަމަން ފަށާފައިވާ އިރު، އެކަމަށް ގިނަ ފަހަރެއްގެ މަތިން ފަރުވާވެސް ދީފައިވެއެވެ. ރޭގެ މެޗަށްފަހު އަލްކަރާޒް ބުނީ ޖޮކޮވިޗާ ދެކޮޅަށް ކުޅެން ޖެހުމަކީ ޕްރެޝަރު ބޮޑުވި ސަބަބެއް ކަމަށާއި އަކުނިވަޔަށް ދެމީ އެހެންވެ ކަމަށެވެ.

"ޖޮކޮވިޗާ ދެކޮޅަށް ކުޅެން ޖެހޭ ކޮންމެ މީހަކުވެސް ހާސްވާނެ. ހާސްނުވާ ކަމަށް ބުނާނީ ދޮގު ހަދާ މީހަކު އެކަނި. އެއީ އަކުނިވަޔަށް ދަމަން ފެށި ސަބަބަކީވެސް. މެޗުގެ ތިންވަނަ ސެޓާ ހަމައިން މީހާ އެއްކޮށް އަކުނިވަޔަށް ދަމަން ފެށި. އަހަރެން މެޗުގައި ކުރިއަށް ދިޔައީ ފަހުން އެ ނިންމުމާ މެދު ދެރަ ނުވާންވެގެން. އަހަރެން ބޭނުންނުވީ ގްރޭންޑް ސްލޭމެއްގެ ސެމީ ފައިނަލު މެޗެއް ހުއްޓާލަން،" އަލަކަރާޒް ބުންޏެވެ.

އިއްޔެގެ މެޗަށްފަހު މިވަގުތު ދުނިޔޭގެ ތިންވަނައިގައި އޮތް ޖޮކޮވިޗް ވަނީ އަލްކަރާޒްގެ ހިތްވަރަށް ތައުރީފް ކޮށްފައެވެ. އަދި އަލްކަރާޒްއަކީ ކާމިޔާބު މުސްތަގުބަލެއް އޮތް ކުޅުންތެރިއެއް ކަމަށް ޖޮކޮވިޗް ފާހަގަކުރިއެވެ.

މާދަމާ ކުޅޭ ފައިނަލުގައި ޖޮކޮވިޗް ބައްދަލުކުރާނީ ނޯވޭގެ ކެސްޕާ ރޫޑްއާ ދެކޮޅަށެވެ. ހަތަރުވަނައަށް ސީޑްކޮށްފައިވާ ރޫޑް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން 6-3 6-4 6-0 އިން މޮޅުވެގެންނެވެ. މިފަހަރު ފައިނަލް ވެގެންދާނީ ރޫޑް، ގްރޭންޑް ސްލޭމްގެ ފައިނަލެއްގައި ކުޅޭ ތިންވަނަ ފަހަރަށެވެ. މީގެ ކުރިން، ރަފައެލް ނަޑާލް އަތުން ފްރެންޗް އޯޕަން ފައިނަލެއްގައި އަދި އަލްކަރާޒް އަތުން ޔޫއެސް އޯޕަން ފައިނަލެއްގައި ރޫޑް ވަނީ ބަލިވެފައެވެ.