މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓުކެޓް ރޭ ލިބިވަޑައިގެންނެވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމްއަށް ލިބިވަޑައިގެންނެވުމާ ގުޅިގެން ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
"ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ޓިކެޓް ލިބިވަޑައިގެންނެވި ގާސިމް އިބްރާހިމް އަށް މަރުހަބާ، މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެއް،"
ގާސިމަށް މަރުހަބާ ވިދާޅުވެފައިވާ އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީއާއެކު މަސައްކަތް ކުރުމަށް، ރައީސް ނަޝިދު ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނުގެ މަންދޫބުންތަކެއް ތިން ފަހަރު މަތިން ގާސިމާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.
ނަމަވެސް އެ މަސައްކަތް ކާމިޔާބުވާގޮތް ނުވީ، ރައީސް ނަޝީދުގެ ހުށަހެޅުއްވުންތަކުގެ އެންމެ މުހިއްމުކަމެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުން ހިމެނިފައި އޮތުމުންނެވެ.
އެ މަޝްވަރާތަކަށްފަހު ގާސިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ރައީސް ނަޝީދު ފިޔަވައި އިތުރު އެހެން ބޭފުޅަކު ރާއްޖޭ ވެރިކަމުގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީން ނަޝީދު ނުހޮވުމުން އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ފިކުރެއްގެ ދިރުމުގެ ފެކްޝަނާ އެކު ޖުމްހޫރީ ޕާޓީން ކުރި މަޝްވަރާތަކުގެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ނަޝީދު ނޫން މީހަކު ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު ދެއްވައިގެން އެމަނިކުފާނަށް ކެތެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ރަނގަޅަށް. އެބޭފުޅާ އަށް ކަމަކު ނުދާނެ އެބޭފުޅާ ނޫން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް ކެތެއް ނުވާނެ" ގާސިމް ވިދާޅުވިއެވެ.
ވާހަކަތައް ނާކާމިޔާބު ވުމާ ގުޅިގެން އެމްޑީޕީގައި ހުންނަވައިގެން ދަ ޑިމޮކްރެޓްސް ގެ ނަމުގައި ރައީސް ނަޝީދު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މައްސައްކަތް ފައްޓަވައިފައެވެ. އަދި އެޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއް ނެރޭނެ ކަމަށްވެސް ބުނެފައެވެ. ބެލެވޭ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާނީ ނަޝީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު