އެމްޑީޕީއަށް ވެރިކަން ލިބުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަނެވޭނެ ކަންކަން ސަރުކާރުން ހަމަޖައްސަން މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޖަވާބެއް ލިބިވަޑައިނުގެންނެވުމުން، "ވީހާލެއްގައި ވާން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާފައިވަނިކޮށް ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމަށް އަމިއްލަފުޅަށް އަރުވާލެއްވިގެން ތިން އަހަރު ހޭދަކުރެއްވުމަށް ފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އެމްޑީޕީއަށް ވެރިކަން ލިބުމުން، 2018 ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.

"ދަ ޑިމޮކްރެޓްސް" އިން ރޭ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އިމްތިޔާޒް ވިދާޅުވީ މިސަރުކާރު އުފެދުމާ އެކު ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރަން މަސައްކަތް ކުރި އިރު، ނަޝީދު މިނިވަން ކުރަން ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ނަޝީދު މިނިވަން ކުރެއްވުމުގެ ކަންކަން ކުރެއްވީ ބޭއިންސާފުން ކަމަށެވެ.

"ވެރިކަން ބަދަލުވުމާ އެކުގައި ހުރިހާ ލީޑަރުން މިނިވަން ކުރުމުގައި ސަރުކާރުން އަވަސްވެވަޑައިގެންނެވި. ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި. އަޅުގަނޑުމެން ތިބީ އަޑުއަހަން، ރައީސް މުހައްމަދު ނަޝީދު މިވާހަކަފުޅު ދެއްކެވި، ތިމަން މަނިކުފާނުގެ ކަންތަކާ އުޅުއްވަނީ ކޮން އިރަކުންތޯ. އޭރު ރާއްޖޭން ބޭރުގައި ވަޑައިނުގަނެވިފައި ހުންނެވީ، ކޮންއިރަކުންތޯ މިކަމާ އުޅުއްވަނީ. ހަމަ ހިލާ އަޑުވެސް އަހައިނުލި ސަރުކާރުން،" އިމްތިޔާޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

"އެ މަނިކުފާނު ސުވާލު ކުރެއްވި ތިމަން މަނިކުފާނުގެ ކަންކަމާ އުޅުއްވާނީ ކޮންއިރަކުތޯ އޭ. ހަމަ ހިލާ އަޑުވެސް އަހާނުލި ސަރުކާރުން" އިމްތިޔާޒް ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި އޭރު ވެސް ސަރުކާރުން ނަޝީދު، ގައުމަށް އެރިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރި ކަމަށެވެ. އެކަންތައްތައް ދިޔަ ގޮތާ މެދު މިހާރު ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ ރައީސް ސޯލިހަށް "ތަބަކުން ވެރިކަން ދެއްވައި" އޭގެ ފަހުން މަޖިލީހަށް މެންބަރުން ހޮވުމަށް މުޅި ގައުމުގައި ނަޝީދު ދަތުރު ކުރައްވައި، އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ މަނިކުފާނާ މެދު އަމަލު ކުރީ ވަރަށްވެސް އިހާނެތިކޮށް ކަމަށެވެ. އޭގެ ބަދަލުގައި އެމަ ނިކުފާނު އަވަހާރަކޮށްލަން ގޮއްވާލީ ބޮމެއް ކަމަށެވެ. މިހާތަނަށް އައި އިރު އެ މަނިކުފާނަށް އެކަމުގައި އިންސާފު ލިބިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ އެ މަނިކުފާނަށް އިޝާރާތްކުރައްވައި، "ޗުއްޕު" ވެސް ބުނުމުގެ ހައްގު އޮތްތޯ ސުވާލު ކުރެއްވިއެވެ.

އިންތި ވިދާޅުވި ގޮތުގައި ނަޝީދަކީ ވެރިކަމާ ހެދި އުޅުއްވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތައް ގެންނަވަން ކަމަށާއި މަޖިލީހުގެ ރައީސްކަމުން ދުރުކުރިޔަސް އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.