ގައުމީ ހޭންޑްބޯޅަ ކޯޓުގައި ކުރިއަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ފައިނަލުން ރެޑްހޯކްސް ސްޕޯޓްސް ކުލަބާއި ކީންސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި 27 ޓީމަކުން ވާދަކުރާ އިރު، ރޭ ކުޅުނީ ސެމީ ފައިނަލް ދެ މެޗެވެ. ފައިނަލުން ރެޑްހޯކްސް ޖާގަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯލް ކުލަބު ބަލިކޮށްގެންނެވެ. ކީންސް ފައިނަލުން ޖާގަ ހޯދީ ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ބަލިކޮށްގެންނެވެ.

ރޭގެ ފުރަތަމަ ސެމީ ފައިނަލް މެޗުވެސް ފޯރިގަދަކޮށް ފެނުނު އިރު، އެ މެޗުގައި އޮރިކްސް އަތުން ރެޑްހޯކްސް މޮޅުވީ 22-20 އިންނެވެ. އަންހެން ބައިގެ ފައިނަލުން ކީންސް ޖާގަ ހޯދީވެސް ވާދަވެރި އަދި ފޯރިގަދަ ސެމީ ފައިނަލަކަށްފަހުއެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ތުޅާދޫ ޓީމު އަތުން ކީންސް މޮޅުވީ 31-30 އިންނެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލާއި އަންހެން ޑިވިޝަންގެ ފައިނަލްވެސް އޮންނާނީ މާދަމާ ރެއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު ޒެފްރޯލެވެ.