ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވަނީ މަޖިލީހުގެ އަމީން އާންމު، އަލްއުސްތާޒާ ފާތިމަތު ނިއުޝާގެ އެއްބާރުލުމާއެކުގައި ކަމަށް މަރަދޫ ދާއިރާގެ މެންބަރު، އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އީވާ އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލައާއި ހުދު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދައިފައެވެ.
މަޖިލީހުގެ ކޮމްޕޮސިޝަނަށް އައި ބަދަލާއެކު މަޖިލީހުގެ ގިނަ ކޮމިޓީތައް ވަނީ ހުއްޓިފައެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅޭ އާއްމު ކޮމިޓީވެސް އޮތީ ހުއްޓިފައެވެ. މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި ވަނީ، އެއީ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް މަޖިލިސް ރައީސް އެންގެވުމާ ގުޅިގެންނެވެ.
އެ މައްސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތައް ނުބާއްވަން އެންގެވީ، 12 މެންބަރުން އެމްޑީޕީން ވަކިވުމާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެން ޖެހޭ ގޮތަށް ގެންނަން ޖެހޭ ބަދަލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.
ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް މެދުކެނޑުމެއް ނެތި އެންމެ ދުވަސް ވީ މެންބަރެއްގެ ރިޔާސަތުގެ ދަށުން ޖަލްސާއެއް ބާއްވައި އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އަލުން މަޖިލީސް ރައީސަކު އިންތިހާބުކުރުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެކަން ކުރިއަށް ނުދަނީ އަމީން އާންމާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައިވެރިވެގެން ކަމަށްވެސް ޝަރީފު ތުހުމަތުކުރެއްވިއެވެ.
ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާނީ މަޖިލިސް ރައީސެވެ. އަދި މަޖިލިސް ރައީސްގެ މައްސަލަ ކުރިއަށްދާއިރު ނައިބު ރައީސެވެ. ދެ ރައީސުންގެ މައްސަލަ އެއްކޮށް ކުރިއަށްދާއިރު ރިޔާސަތު ބަހަލައްޓާނެ ފަރާތެއް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް މަޖިލިސް ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތާ ހަވާލުވާން ވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އަދި އުމުރުގެ ގޮތުން އެންމެ ދުވަސްވީ މެންބަރު ކަމަށް ބަޔާންކޮށްފައިވެއެވެ.
"މަޖިލިސްގައި މަރު ތަޅު އަޅުވައި، މުހައްމަދު ނަޝީދު މަޖިލިސް ހިސޯރުކުރުމަކީ މަޖިލިސްގެ އަމީން އާންމުގެ އެއްބާރުލުމާއެކު ކޮށްފައިވާ ބޮޑު ބަގާވާތެއް" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު އިތުރަށް، ވިދާޅުވީ، ގާނޫނީ ވެރިކަން އަލުން އިޔާދަކުރުމަށްޓަކައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު