ކުޅިވަރު ކުރިއެރުމަށް ކުރެވުނު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރެވުނު އެއް ކަމަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފެއްދުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މި މަހުގެ 17-25 އަށް ޖަރުމަންގެ ވެރިރަށް ބާލިންގައި އޮންނަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނަށް ޖާޒީ ހަވާލުކުރުމަށް އިއްޔެ ބޯޅަ ގޭގައި ބޭއްވި ހާއްސަ އިވެންޓް ފެނިގެން ދިޔައީ އުފާވެރި އިވެންޓެއްގެ ގޮތުގައެވެ. މިނިސްޓަރު މަހްލޫފް އެތުލީޓުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައްވައިފައިވާ އިރު، މިނިސްޓަރު ވަނީ ގައުމު ތަމްސީލު ކުރުމުގެ ޝަރަފުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އެތުލީޓުންނަށް އިރުޝާދު ދެއްވައިފައެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މިހާރު ސްޕެޝަލް އޮލިމްޕިކްސް ކުދިންނަކީވެސް "އަލީ އަޝްފާގު (ދަގަނޑޭ) އާއި ނަބާހާއާއި ނަބީހާގެ އިތުރުން ރަފާއާއި ދީމާ،" ފަދައިން ގައުމު ތަމްސީލުކުރާ އެތުލީޓުން ކަމަށާއި، އެއީ ލިބޭ އުފާވެރިކަމެއް ކަމަށެވެ. އެންމެފަހުން އަބޫދާބީގައި ހޯދި ކާމިޔާބީތައް މިފަހަރުވެސް ގެނެސްދޭން ކުދިން ގާތުން މަހްލޫފް އެދިވަޑައިގެންނެވިއެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ ކަންކަން ރަސްމީކޮށް އެސޯސިއޭޝަނެއްގެ ސިފައިގައި ރާއްޖޭގައި ފެށިގެންދިޔައީ 2019 ވަނަ އަހަރު އެވެ. އެ ގޮތުން، އެ އަހަރު ރަސްމީ ސިފައެއްގައި ރާއްޖޭން ވަނީ އަބޫ ދާބީގައި ބޭއްވި ސްޕެޝިއަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގައި ވާދަ ކޮށްފައެވެ. އަބޫ ދާބީގައި ކުރިއަށްދިޔަ އެ ފަހަރުގެ ގޭމްސްގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހޯދިއެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހަތަރު ވަނަ ކެޓަގަރީން ރާއްޖޭގެ ވަސްމީ ވަހީދު ރިހި މެޑަލް ހޯދިއެވެ.

މިނިސްޓަރު އިއްޔެ ފާހަގަކުރެއްވީ ސަރުކާރުގެ ފަރާތުން ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތުގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ ސެޕްޝަލް އޮލިމްޕިކްސް އުފެއްދުން ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ފުރުސަތު ހޯދައިދެވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ކުޅިވަރު ކުރިއެރުވުމަށް ކުރެވުނު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރެވުނު ކަމަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފެއްދުން. އެކަން ކޮށްގެން އޭގެ ތެރެއިން އެސްއޯއެމްއާއެކު ކުރެވުނު މަސައްކަތުން ތި ކުޅުންތެރިން ކުޅިވަރު ކުޅެން، އެކިއެކި ކުޅިވަރުތަކުން ކުރިއެރުންތައް ހޯދަން މަސައްކަތްތަކެއް ކުރެވިއްޖެ. މަސައްކަތް ކޮށްދެމުން އަންނަނީ ތި ކުދިންވެސް ވާދަވެރި އެތުލީޓުންތަކަކަށް ހެދުމަށް،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެންމެ ބޭނުންވާ ވަރަކަށް ހުރިހާ ކަމެއް އަދި ނުކުރެވޭ ނަމަވެސް، މިފަހަރު ގިނަ އެތުލީޓުންތަކެއް ފޮނުވުން އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މިފަހަރު ރާއްޖެއިން ދެ ގޭމެއްގައި ވާދަކުރާއެވެ. އެއީ އެތުލެޓިކްސް އާއި ބެޑްމިންޓަނެވެ. އެއީ ކޯޓާ ލިބުނު ގޭމްތަކެވެ.