ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށްޓަކައި، އެމްޑީޕީގެ ޕީޖީ ގްރޫޕުން އެ މަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، "ރައީސް ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅާފައިވާއިރު އެކަމުގައި ރައީސް ސޯލިހު ގެންގުޅުއްވާ ސްޓޭންޑަކީ ކޮބައިތޯ،" ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްްވަމުން މިއުވާން ވިދާޅުވީ، ކަންކަމުގައި ރައީސް ވަޑައިގަންނަވަނީ ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ކަމަށެވެ.
"ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވަނީ، ރައީސް އާއި އެބޭފުޅުންނާ މަޝްވަރާ ވެސް ކުރެވޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ހުރިހާ މެންބަރުންނާވެސް ރައީސާވެސް ހަމަ މަޝްވަރާ ކުރެވޭ، ވާހަކަ ދެކެވޭ ރައީސާއެކު އޮންނަ ގުޅުންވެސް ރަނގަޅު އެބޭފުޅުންގެ އިތުބާރު ރައީސަށް އެބައޮތް،" މިއުވާން ވިދާޅުވިއެވެ.
އެހެންކަމުން ކަންކަން ކުރިއަށްދަނީ ރައީސާއެކު މަޝްވަރާތަކެއް ކުރެވިގެން ކަމަށާއި، ނަމަވެސް އެކަންކަމުގައި ރައީސް ވަޑައިގަންނަވާނީ، "ސީދާ ޕީޖީގެ މެޖޯރިޓީއާ އެއްކޮށް،" ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށްޓަކައި، އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން، އެމްޑީޕީގެ 36 މެންބަރުންގެ ވޯޓާއެކު ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭގެ ފަހުން 54 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އިއްޔެ ވަނީ މަޖިލީހަށް ފޮނުވައިފައެވެ.
ސޮއިކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެންބަރުންނާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
ނަޝީދު ހިމެނިވަޑައިގަންނަވާހެން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެންބަރުންނެވެ. އެ ޕާޓީގެ މެންބަރުންގެ ތެރެއިން ސޮއިނުކުރާ މެންބަރުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮޔެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް 44 ވޯޓު ބޭނުންވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު