ރައްޔިތުން ބޭނުން ނަމަ މަޖިލިސް މެންބަރުން ވަކިކުރަން ރީ ކޯލް ވޯޓު ތައާރަފުކުރުން ހިމެނޭ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް)ގެ ފުރަތަމަ 30 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިފިއެވެ.
އެމްއެންޕީން ވަނީ ނާޒިމްގެ ސަރުކާރެއްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ލިސްޓެއް ރޭ އާންމުކޮށްފައެވެ. އެ ލިސްޓުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ، ކޮންމެ ކަމެއްގައިވެސް، "އެންމެ ފުރަތަމަ ދިވެހިރާއްޖެ" އަދި "އެންމެ ފުރަތަމަ ދިވެހީން" ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފެށުމާއި ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރުކޮށްފައިވާ ސިޓީ ހާމަކުރުމެވެ.
- ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ހައުސިންގ ލޯނު ހަމަޖެއްސުމުގެ މަޝްރޫއު ފެށުން.
- އުމުރުން 18 އަހަރުވުމުން، ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ ހިންގުން.
- މެޑިކަލް އިންޝުއަރަންސް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖައިގެ ތަފާތުތައް ނައްތާލުން.
- ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކުރުމާއި، ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން.
- ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި (ހައުސް ހޯލްޑް ވޭސްޓް) އުކާލުން ހިލޭ ކުރުން.
- އާންމު ބޭނުންތަކަށް ބޭނުންކުރާ ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން.
- އަތޮޅުތަކުގެ އިގުތިސޯދީ ހަރަކާތްތައް ފުޅާކުރުމަށް، ގެސްޓް ހައުސް އަޅައި ތަޅުދަނޑި ހަވާލުކުރާ ޕްރޮޖެކްޓް ފެށުން.
- އެކަނިވެރި ބެލެނިވެރިންނަށް ދޭ އިނާޔަތް 4000 ރުފިޔާއަށް ބޮޑުކޮށް، އަދި ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އެންމެހާ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުން.
- ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރަމަޟާން މަހު 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ކަށަވަރުކޮށްދިނުން.
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އަލުން އެކުލަވާލާ، ދީނީ އިލްމުވެރިންނަށް ޙައްގުބަސް ބުނުމުގެ ޖާގަ ދިނުން.
- ހެލްތް އިންޝުއަރަންސްގެ ތެރެއިން މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑްސް ހިލޭ އަންހެނުންނަށް ލިބޭނެ ގޮތް ހެދުން.
- ޕްރީ ސްކޫލުން ފެށިގެން ޑޮކްޓޯރަލް ސްޓަޑީސްއާ ހަމައަށް ހިލޭ ތަޢުލީމު ފޯރުކޮށްދިނުން.
- މަސްވެރިންނާއި ދަނޑުވެރިންނާއި، އެހެންވެސް މަސައްކަތްތެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފް ކުރުން.
- މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރު.އެސް.ޑަބްލިއު ސިސްޓަމް އާއި ރާޑަރ ސިސްޓަމް ދޫކުރަން ފެށުން.
- މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި، އިންޓަވެންޝަން، ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންއަށް އަމާޒު ހިފާ ސިޔާސަތެއް ތަންފީޛް ކުރަން ފެށުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ބޭނުންނަމަ، ވަކިކުރެވޭނޭ ގޮތް ތައާރަފު ކުރުން.
- ޖުޑީޝަލް ސާރވިސް ކޮމިޝަން ސިޔާސީ ނުފޫޒުން މިންޖުކޮށް، އެއީ ޒާތީ ތައައްސުބުން އެއްކިބާވެ ތިބެގެން ރާއްޖޭގެ އަދުލުގެ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހެދުން.
- ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން، ސަބްސިޑައިޒް ކުރެވިގެން ވޯޓަރ ފިލްޓަރު ސިސްޓަމް ގޭބިސީތަކަށް ފޯރުކޮށްދިނުން.
- ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗާ ލިފްޓާއި އިމަޖެންސީ ޖަނަރޭޓަރު ސިސްޓަމެއް ބަހައްޓަން ފެށުމާއި، ހިޔާ ފްލެޓްތަކުގެ ކުލި -/4000 ރުފިޔާއަށް ކުޑަކުރުން.
- މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމުގެ ގޮތުން މާލޭގެ ބަސް ދަތުރުތައް ދިވެހިންނަށް ހިލޭ ކުރުން.
- ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ހާއްސަކޮށް ގޮނޑިތަކެއް ތައާރަފް ކުރުމަށް ހުށަހެޅުން.
އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުގައި އެމްއެންޕީއަކީ، ރާއްޖޭގައި ފަސް ވަނައަށް އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއެކެވެ. އެގޮތުން އެ ޕާޓީގެ މެންބަރުންގެ ގޮތުގައި 9،838 މީހުން އެބަތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު