މިހާރު ކުރިއަށްދާ ހަވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، އޮރިކްސް ހޭންޑްބޯޅަ ކުލަބު، ރެޑްހޯކްސް ސްޕޯޓްސް ކުލަބު، ކީންސް ސްޕޯޓްސް ކުލަބު އަދި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ކުލަބު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަންހެން ބައިގެ ކުއާޓާ ފައިނަލް މެޗުތައް އިއްޔެ އާއި ރޭ ކުރިއަށް ގޮސްފައިވާ އިރު، ފުރަތަމަ މެޗުގައި އޮރިކްސް ނުކުތީ ޒެފްރޯލާ ދެކޮޅަށެވެ. އެންމެފަހުގެ ޗެމްޕިއަން އޮރިކްސްއިން މެޗު ކާމިޔާބުކުރީ 26-08 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޮރިކްސްގެ ފާތިމަތު އަރުޝާއެވެ.

އިއްޔެ ރެޑްހޯކްސްއިން ކުއާޓާ ފައިނަލް މެޗުގައި ނުކުތީ ސުޕަ ޖެރޭޝަން ސްޕޯޓްސްއާ ދެކޮޅަށެވެ. އެމެޗު 30-21ގެ ނަތީޖާއަކުން ރެޑްހޯކްސް ކާމިޔާބު ކޮށްފައިވާ އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ރެޑްހޯކްސްގެ ޔަޝްފާ އާދަމެވެ. ކީންސްއިން އެޓީމުގެ ކުއާޓާ ފައިނަލް މެޗުގައި ދިވެހި ސިފައިން ކުލަބު 41-16 އިން ބަލިކޮށްފައިވާ އިރު، އެމެޗުގެ މޮޅު ކުޅުންތެރިއަކީ ކީންސްގެ ހައްވާ ސުލައިމާނެވެ.

ސެމީގެ ފަހު ޖާގަ ހޯދި، ތުޅާދޫ ޔަންގް އީގަލްސްއިން ކުއާޓާ ފައިނަލުގައި ޕްރޯ ސްޕޯޓްސް އެކަޑެމީ 24-15 އިން ބަލިކޮށްފައިވާ އިރު، އެމެޗުގެ މޮޅު ކުޅުންތެރިޔަކީ ތުޅާދޫ ޓީމްގެ ޝިޒްނާ ރަޝީދެވެ.

އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ ރޭގައެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި އޮރިކްސް ނުކުންނާނީ ރެޑްހޯކްސްއާ ދެކޮޅަށެވެ. އަންހެން ބައިގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ ކީންސް އާއި ތުޅާދޫއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެ، ސެމީއަށް ދާ ގޮތަށް ފޯމެޓް ރޭވިފައި އޮތް އިރު، އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗާއެކު ސެމީގެ ޓީމުތައް ވަނީ ޔަގީން ވެފައެވެ. ފިރިހެން ބައިގެ ސެމީ ފައިނަލުގައި ވާދަކުރާނީ ޒެފްރޯލް، ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ، ދިވެހި ސިފައިންގެ ކުލަބު އަދި ވެލިދޫ ޔުނައިޓެޑެވެ.