ދުނިޔެ

އަފްގާނިސްތާނުގައި 80 ދަރިވަރަކު ވިހަވެ ފަރުވާދޭން ފަށައިފި

މުހައްމަދު އައުޒަމް

އަފްގާނިސްތާނުގައި 80 ދަރިވަރަކު ވިހަވެ ފަރުވާދޭން ފަށައިފިއެވެ.

އަފްގާނިސްތާނުގެ ސަންޗަރަކް ޑިސްޓްރިކްޓްގެ ޕްރައިމަރީ ސްކޫލުގައި ވިހަވި ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.

އެ ޑިސްޓްރިކްޓްގެ ފުލުހުން މިހާދިސާގެ ތަހުގީގު ފަށާފައިވާއިރު އަދި މިހާތަނަށް ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. އޮފިޝަލުން ބުނެފައިވަނީ މިކަން ކުރި ގޮތެއްވެސް އަދި ކުރި ބަޔަކުވެސް ހޯދިފައި ނުވާކަމަށެވެ.

މިހާތަނަށް ދެ ސްކޫލެއްގެ 80 ވަރަކަށް ދަރިވަރުންނަށް ވިހަވެގެން ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުން ވަނީ އެކުދިން ހެނދުނު ސްކޫލަށް ދިއުމަށްފަހު ގިނަ ވަގުތުތަކެއް ނުވެ އަނބުރައިގަނެ ބޮލުގައި ރިއްސައި ނޭވާއަށް އުނދަގޫވާން ފެށުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް ބުނެފައެވެ. ފަރުވާދެމުން އަންނަ ކުދިންގެ ތެރެއިން 14 ކުއްޖެއްގެ ހާލު ގޯސް ކަމަށް ބުނެފައިވެއެވެ.

2021 ވަނަ އަހަރުން ފެށިގެން ތާލިބާނުންގެ ބާރުގެދަށަށް އަފްގާނިސްތާނުގެ ގިނަ ސަރަހައްދެއް ގެންގޮސްފައިވާއިރު ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރުން ވަނީ ދަތިކަމަކަށް ވެފައެވެ. ހާއްސަކޮށް އަންހެން ދަރިވަރުންނަށް ތައުލީމު އުނގެނުމަށް ބޮޑެތި ދަތިތަކެއް ވަނީ ކޮށްފައެވެ.