އެމެރިކާއިން ގައުމަކާމެދު ނުރުހިގަތީމާ ކޮންމެވެސް ހުއްޖަތެއް ދައްކައިފައި އިގްތިސާދީގޮތުން އެގައުމަކަށް ދަތިކުރުމަށް ފިޔަވަޅުތަކެއް އޮންނަނީ އަޅަން ޖެހިފައެވެ. ނުރުހިގަތުމަށް މެދުވެރިވާ އޮންނަނީ އެންމެ ސަބަބެއް ދެ ސަބަބެއް ނޫނެވެ. ބައިވަރު ސަބަބުތަކެވެ. ފިޔަވަޅު އެޅުމަކީ އެމެރިކާއަށް ނުހަނު ފަސޭހަކަމެއްވެސްމެއެވެ. އެމެރިކާ ބޭނުންއިރަކު ބޭނުންބަޔަކާ ދެކޮޅަށް ބޭނުންހިފާން އޮންނަ އެންމެ އަވަސް ހަތިޔާރަކީ ޑޮލަރެވެ. އެއީ އެމެރިކާގެ އަމިއްލަ ފައިސާއެވެ. ޑޮލަރަކީ ދުނިޔޭގެ މާލީ މުއާމަލާތްތަކުގައި އެންމެ ގިނަބަޔަކު އެންމެ ގިނައިން ބޭނުންކުރާ ފައިސާއެވެ. މުޅިދުނިޔެއިން ބަރޯސާކުރާ ބައިނަލްއަގުވާމީ ނޫޓުވެސްމެއެވެ. ބައިނަލްއަހުވާމީ މާލީ އިދާރާތަކުގެ ހުންގާނުވެސް އެމެރިކާގެ އަތުގައެވެ. އެހެންވީމާ ޑޮލަރަކީ އެމެރިކާގެ އަތްމަތީގައި އަބަދުވެސް ތައްޔާރަށް އޮންނަ ހަތިޔާރެކެވެ.

ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި މިހަތިޔާރުގެ ބޭނުން ހިފުން ކުރިއަށްވުރެ މާގިނައެވެ. ގައުމެއްގެ އިންތިޚާބުގައި ވަކި މީހަކަށް ކުރިނުލިބި އެމެރިކާ ބޭނުން ނަތީޖާއެއް ނުނެރެވުނީމާވެސް ޑޮލަރުގެ ހަތިޔާރު އިސްކޮށް އިގްތިސާދީގޮތުން ދަތިކުރުމުގެ ހަގުރާމައެއް ފަށައިފައެވެ. މިކަމުގެ މިސާލުތައްވެސް ގިނަގުނައެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅުމެކޭ ހަޖަމުގޯސްވެފައިވާ މީހަކު ބޭރަށް ހިންގުމެކޭ ތަފާތުނުވާވަރަށް އެކަންވަނީ އާއްމުވެސް ވެފައެވެ. މިހިސާބަށް ކަންކަން ދިޔައީމާ މި ދަންތުރައިން ނެއްޓިގަނެވޭނެ ގޮތަކާއި ޑޮލަރުގެ ބަދަލުގައި ބޭނުންކުރެވިދާނެ ބައިނަލްއަގުވާމީ އެހެން ފައިސާއަކާމެދު ގައުމުތަކުން ވިސްނަން ފަށައިފިއެވެ. ވިސްނަން މަޖުބޫރުވެސްވީއެވެ. ކަރަށް ފިތައިލީމާ ނޭވާހާސްވެ ތެޅިގަންނަން މަޖުބޫރުވާފަދައިންނެވެ. ދުނިޔޭގެ ނޭވާ ހާސްވެގެންނެވެ.

މިކަމަށް އެންމެ ބޮޑަށް ބޭނުންވެގެންތިބީ އިގްތިސާދީ ގޮތުން އަލަށް ދުޅަހެޔޮކަންލިބި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމުތަކެވެ. ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކެވެ. ކުރިން މިދެންނެވި ގައުމުތަކުގެ ނަން ފެށޭ އަކުރު އެއްކޮށްލައިގެން ބްރިކްސްގެ ގައުމުތަކޭވެސް ކިޔާން ފެށިއްޖެއެވެ. އެތައް އަހަރެއްގެ މަޝްވަރާޔާއި ރޭވުންތަކާއެކު ޑޮލަރުގެ ބަދަލުގައި މި ގައުމުތަކުން އެއްބަޔަކު އަނެއްބަޔަކާ ކުރާ ވިޔަފާރީގައި ބޭނުންކުރާނޭ އައު ފައިސާއެއް ދެން ލަސްތަކެއްނުވެ ވުޖޫދުވެދާނޭކަން މިއަހަރުގެ ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ. ބްރިކްސްގެ އައު ފައިސާ ހިނގަމުންމިދާ ޖޫންމަހު ތޭވީސްވަނަ ދުވަހު ދެކުނު އެފްރިކާގައި ފަށާ ބްރިކްސްގެ ވެރިންގެ ސަމިޓްގައި އިއުލާންކުރާނޭ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ދެކުނު އެފްރިކާގެ ޚާރިޖީވަޒީރު ނަލޭޑީ ޕަންޑޯރ ދާދިފަހުން ވިދާޅުވެފައިވާ ފަދައިން ޑޮލަރާ ވާދަކުރާނެ ވަރުގަދަ އެހެން ފައިސާއެއް ވުޖޫދުވުމަކީ ގައުމުތައް ބާރުވެރިވެ މިނިވަންކަން އިތުރުވެގެންދާނޭ ކަމެކެވެ. އެމެރިކާގެ އިގްތިސާދީ އަޅުވެތިކަމުން ނެއްޓިގަނެވޭނެ ވަސީލަތެކެވެ. ބްރިކްސްގެ ފައިސާގެ ސަބަބުން ގައުމުތަކުގެ މިނިވަންކަން އިތުރުވެ ބާރުވެރިވާނޭ ކަމަށް އެވިދާޅުވީ ކީއްވެގެންބާވައެވެ. މީގެ 78 އަހަރު ކުރިން ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ދުނިޔޭގެ ރަސްކަން ލިބިފައިވަނީ ޑޮލަރަށެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތަބާވާ ފައިސާއަކީ އެއީއެވެ. އެމެރިކާއަށް އޮތީ ޑޮލަރު ޗާޕްކުރުމެވެ. އޭގެ އަގު ހިފަހައްޓައި އެއަށް އޮންނަ ޑިމާންޑް ބޮޑުކޮށް ބާރުވެރިކުރުން އެހެން ގައުމުތަކަށެވެ. އެމެރިކާގެ ޑެފިސިޓް ނައްތައިލަނީ އެހެން ގައުމުތަކުން ދާއޮހޮރުވައިގެންނެވެ.

އެމެރިކާއިން ހަމަތިބެފައި ބޭނުންހާ ވަރަކަށް ޑޮލަރު ޗާޕްކުރީމާ އެ ޑޮލަރު ގަންނަން ނުވަތަ ހޯދަން އެހެން ގައުމުތަކަށް އޮންނަ މަގަކީ ގުދާރު ބިންދައިގެންދާވަރަށް މަސައްކަތްކޮށްގެން މުދަލާއި ޚިދުމަތް އުފެއްދުމެވެ. މިއީ އެމެރިކާއަށް އޮންނަ ނުހައްގު، ނާޖާއިޒު ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. ޑޮލަރަށް މި މަގާމު ލިބުނީމާ އެމެރިކާގެ ގާނޫނުގެ ބާރު އޮންނަނީ އެހެން ގައުމުތަކަށްވެސް ފޯރާފައެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން ދެން ފާސްކުރަނީ ކޮން ގާނޫނެއްތޯޔާއި އެ ގާނޫނު ފާސްކުރީމާ އޭގެ އަސަރު ފޯރާނެ މިންވަރާ ދޭތެރޭ ކަންބޮޑުވެ ހާސްކަންމަތީ އޮންނަން ނުޖެހޭ ގައުމެއް ނޯވެއެވެ. އެހެންވީމާ މި ދަންތުރައިން ނެއްޓުމަކީ ގައުމުތައް މިނިވަންވުމަކަށްވާނެތާއެވެ. ބާރުވެރިވުމަކަށްވެސް ވާނެތާއެވެ. ގިނަ ގައުމުތަކުން މަރުހަބާކިޔާނެ، ބަލައިގަންނާނެ ކަމަކަށްވެސް ވާނެތާއެވެ.

ޑޮލަރާ ވާދަޔަށް ބްރިކްސްގެ ގައުމުތަކުން ވުޖޫދުކުރާ ކަރަންސީ ވެގެންދާނީ އެއްވެސް އޮޅުމެއްނެތި ދުނިޔޭގެ އެންމެ ބާރުގަދަ ފައިސާއަށެވެ. އެހެނީ ބްރިކްސްގެ ފަސް ގައުމުގެ އިގްތިސާދު އެއްކޮށްލީމާ ޖީހަތެއްގެ ގުޅިފައިވާ އިގްތިސާދަށްވުރެ ފުޅަލެވެ. ޖީޑީޕީގެ ނިސްބަތް މައްޗެވެ. ގަތުމުގެ ބާރު ގަދައެވެ. މިބާރު ދެންވެސް ދާނީ ބޮޑުވަމުން އިތުރުވަމުންނެވެ. އެހެނީ އާޖެންޓީނާ، އީރާން، ނައިޖީރިއާ، އިންޑޮނީޝިއާ ފަދަ ބޮޑެތި އިގްތިސާދުތައްވެސް މި ޖަމާއަތުގައި ބައިވެރިވާނެއެވެ. ގައުމަކަށްފަހު ގައުމެކެވެ. އާޚިރުގައި މުޅި ދުނިޔޭގެ ޖީޑީޕީގެ ދެބައިކުޅަ އެއްބަޔަކީ މި ގައުމުތަކުގެ އިގްތިސާދު ކަމަށްވެސް ވެދާނެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބިރެއްނެތި، އިގްތިސާދީ އަޅުވެތިކަމުގެ އުދާހެއްނެތި ގައުމުތަކަށް ހިންދެމިލުމަށް ޖާގަ ލިބޭނީ އޭރުންނެވެ.