އިންޑިއާގެ އޮޑިއްޝާގައި ހިނގައިދިޔަ ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 294 އަށް އަރާފައިވާއިރު އެހާދިސާގައި 1000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެ ފަރުވާދެމުން އެބަ ދެއެވެ.

ހާދިސާގައި އިންޑިއާގެ އެކި ހިސާބުތަކަށް ނިސްބަތްވާ މީހުން މަރުވެފައިވާއިރު މަރުވި ބައެއް މީހުން ދެނެގަތުމުގެ މަސައްކަތް އާއިލާތަކާ ގުޅިގެން އަދިވެސް އަންނަނީ ކުރަމުންނެވެ.

މުޅި އިންޑިއާ ސިއްސުވާލި މިހާދިސާ ހިނގުމާއެކު އާއިލާތަކުން ވަނީ އެމީހުންނާ ތިމާގެ ނުވަތަ ރައްޓެއްސަކު ނަމަވެސް އެކްސިޑެންޓު ހިނގި ރޭލެއްގައި ހުރިތޯ ބަލަން ފަށާފައެވެ.

އޮޑިއްޝާ ސްޓޭޓަށް ނިސްބަތްވާ ސުރަވީރުވެސް އެކްސިޑެންޓް ހިނގުމުގެ ހަބަރު ލިބުމާއެކު ބެލީ އެއީ ކޮން ރޭލެއްތޯ އެވެ. އެއީ އޭނާގެ މަންމަ އާއި މާމަ ރޭލެއްގައި ބޭސް ގަތުމަށް އެހެން ސްޓޭޓަކަށް ދަތުރުކުރި ވަގުތަކަށް ވާތީއެވެ.

އެކްސިޑެންޓު ހިނގުމާއެކު އެ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައިވެސް ސުރަވީރުވެސް ހިމެނެއެވެ. އަދި ކަން ދިމާވިގޮތުން އޭނާގެ މަންމަ އާއި މާމަ ދަތުރުކުރީ އެރޭލުގައި ކަމުގެ މައުލޫމާތު އޭނާއަށް ލިބުނެވެ.

އެކްސިޑެންޓު ހިނގިތާ ގަޑިއެއްހާއިރު ފަހުން ސުރަވީރަށް ވަނީ އޭނާގެ މާމަ ފެނިފައެވެ. މާމަގެ ހާލު ރަނގަޅެވެ. ނަމަވެސް މަންމަ ފެންނަ ގޮތެއް ނުވިއެވެ.

މަންމަގެ ފޮޓޯއެއް އޭނާގެ ރައްޓެހިންނާއި އެ އަވަށުގައި އޭނާ ދަންނަ ހުރިހާ އެންމެނަށް ފޮނުވިއެވެ. އެ ހާދިސާ ހިނގި ވަގުތު މަންމަ ލައިގެން ހުރި ހެދުމުގެ މައުލޫމާތުގެ އިތުރުން މަންމަގެ ފޯނު ނަމްބަރުވެސް ހިއްސާކުރިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ސުރަވީރުގެ ރައްޓެއްސަކު ވަނީ އޭނާއަށް މަންމަގެ މަރުވެފައި އޮތް ހަށިގަނޑުގެ ފޮޓޯއެއް ފޮނުވާފައެވެ. ފޮޓޯ ފެނުމާއެކު އެއީ މަންމަކަން ޔަގީންވިކަމަށް އޭނާ ބުންޏެވެ.

ސުރަވީރުވަނީ އޭނާގެ މަންމަގެ ފުރާނަ ނެތް ހަށިގަނޑާ ހަވާލުވެފައެވެ. އަދި މަންމަ ވަޅުލުމުގެ މަސައްކަތަށް އޭނާ ބޭނުންވީ އޭނާގެ ގެއަށް ގެންދާށެވެ. ނަމަވެސް މުޅި ސަރަހައްދު ވަނީ މަގުތައް ބަންދުކޮށް މީހުން ފުރިބާރުވެފައެވެ. ސުރަވީރު ވަނީ މަންމަ ވަޅުލުމަށް ސަރުކާރުގެ އެހީއަށް އެދިފައެވެ.

މިހާތަނަށް ކުރި ތަހުގީގުން ވަނީ ތިން ރޭލު މުޑިއަރައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ރޭލު ދަގަނޑުގެ އިލެކްޓްރިކް އިންޓަލޮކިން ސިސްޓަމަށް އައި ބަދަލެއްގެ ސަބަބުން ކަމަށް ހާމަވެފައެވެ.