ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ތަރައްގީކުރަން އިންވެސްޓަރުން ލިބެން ހުރީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރެވިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، "ޕީއެސްއެމް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޓޫރިޒަމްގެ ފަސްވަނަ މާސްޓާޕްލޭންއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. މައުސޫމް މިރޭ ވިދާޅުވީ ކުންފުންޏަކުން ނުވަތަ މީހަކު ޓޫރިޒަމަށް ރަށެއް ނަގައިގެން، އެ ރަށް ތަރައްގީކޮށް ގެއްލުމުގައި ނުހިންގާނެ ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވީ ރަށްފުށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ދަތުރުފަތުރުގެ ނިޒާމެއް ބޭނުންވާ ކަމަށާއި ދެކުނު އަދި އުތުރުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ އެހެންވެގެން ކަމަށެވެ. ޓޫރިޒަމަށް ބޭނުންވާ އެހެން ކަންކަމަށްވާ ފެނާއި ނަރުދަމާގެ ނިޒާމު އަދި ކަރަންޓުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ހުރިހާ ރަށެއްގައި ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދަތުރުފަތުރުގެ ގޮތުން އާރުޓީއެލްގެ ވާހަކަ އަޅުގަނޑު ކުރީގެ ފޯރަމެއްގައި ވެސް ދެންނެވިން. ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ގެނައި ކަމެކޭ. ދެން ހަމަ މި ވައިގެ މަގު، ކަނޑުގަދަ ވާއިރުވެސް އާދޭ. ދެން ވައިގެ މަގުން ދަތުރުކުރުމަށްޓަކައި ސަރަހައްދީ އެއާޕޯޓުތައް، ރަށްރަށުގެ އެކި އެއާޕޯޓުތައް ހަދަމުން. ސަރުކާރުގެ އެއް އަމާޒަކީ ގިނަވެގެން 30 މިނެޓުން މީހުން އެ ރަށަކުން ފުރައިގެން އެއާޕޯޓަކަށް ދެވޭ ގޮތަކަށް. އެ ހުރިހާ އެއްޗެއް ގުޅުވާލީމާ މި ޓޫރިޒަމް ފަހިވަނީ،" ޑރ. މައުސޫމް ވިދާޅުވިއެވެ.

"އެހެންވީމާ ދެން އެއްކަލަ ނުހެދި ހުރި ރަށްތައްވެސް ހަދަން ފަށާނެ. އޭގަ އަޅުގަނޑުމެންނަށް އެނގޭ އެންމެ ބޮޑު ކަމަކީ އަޅުގަނޑުމެން ހއ ނުވަތަ ތިލަދުންމަތިން އެންމެފަހުން ބިޑަށްލީ ރަށްތައް އެތަނުގައި ހަނިމާދޫ އެއާޕޯޓް ހަދަން އުޅުމާ ގުޅިގެން އެންމެ ވިޔަފާރި ފައިދާއަށް އޮތްތަން ވަރަށް ރަނގަޅު އަގެއްގައި ބަޔަކު ނަގައިފި. އެހެންވީމާ މި ހުރިހާކަމެއް ހަމަޖެހިގެން، ފަހިވެގެން އަންނައިރު މި ނުހެދި ހުރި ތަންތަން ހެދުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ. އެ ކަންތައް ވެގެންވެސް އެބަދޭ،"

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ "ވަން އައިލެންޑް ވަން ކޮންސެޕްޓު" ދަމަހައްޓާނެ ކަމަށާއި ނަމަވެސް އެ ކޮންސެޕްޓުގައި ދިމާވާ މައްސަލައަކީ މުވައްޒަފުން އާއިލާއާ ދުރުގައި އުޅެން ޖެހުން ކަމަށެވެ. އެހެންވެ އެކަމަށް ހައްލު ހޯދުމަށް ރިސޯޓުގައި ހުންނަ ކޮންމެ އެނދަކަށް 1.5 މުވައްޒަފުން ބަހައްޓަން ޖެހޭ ގޮތަށް އޮންނަ އޮތުން 1.2 ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގައި އިޖުތިމާއީ ބައެއް މައްސަލަތައް ނުކުންނަ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ފަތުރުވެރިންނަކީ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.