ހަތް އަހަރަށްފަހު ސައުދީ އަރަބިއާގައި އިރާންގެ އެމްބަސީއެއް ހުޅުވަން ނިންމައިފިއެވެ.
ސައުދީގައި ހުރި އިރާންގެ އެމްބަސީ ބަންދުކުރީ ހާރިޖީ ސިޔާސަތަށް އައި ބަދަލާއެކުއެވެ. ނަމަވެސް އިރާންގެ އޮފިޝަލުން ވަނީ މި ހަފުތާ ތެރޭ އަލުން އެމްބަސީ ހުޅުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އިރާންގެ ހާރިޖީ ވަޒީރުގެ ތަރުޖަމާނު ނަސީރް ކަނިއާނީ ވިދާޅުވީ، ސައުދީގެ ރިއާދުގައި އެ ގައުމުގެ އެމްބަސީ ހުޅުވުމާއެކު ޖިއްދާގައި ކޮންސުލޭޓެއްވެސް ހުޅުވާނެ ކަމަށެވެ. އަދި އޯއައިސީގައިވެސް އިރާންގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދީގައި އިރާންގެ އެމްބަސީ ހުޅުވުމަށް ތައްޔާރުވެފައިވާއިރު މިހާރުވެސް އެ އެމްބަސީގައި ބައެއް މަސައްކަތްތައް ވަނީ ފަށައިފައެވެ. އެގޮތުން މިއަހަރު އިރާނުން ހައްޖަށްދާ މީހުންގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް އެ އެމްބަސީގައި ކުރަމުންދެއެވެ.
އިރާންގައި ހުންނަ ސައުދީގެ އެމްބަސީ ހުޅުވުމުގެ މަސައްކަތްވެސް އެ ގައުމުން ވަނީ ފަށައިފައެވެ. އަދި ސައުދީން އެ ގައުމަށް ކަނޑައަޅާ އެމްބަސަޑަރު އައްޔަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިރާންގައި ޝީންނާއި ސުންނީންގެ މެދުގައި 2016 ވަނަ އަހަރު ފެށުނު ދީނީ ހަމަނުޖެހުންތަކުގެ ސަބަބުން ސައުދީން ވަނީ އިރާނާއި އެ ގައުމާ ދެމެދު އޮތް ދާހިލީ ގުޅުން ކަނޑާލައި އިރާނަށް ފިޔަވަޅުވެސް އަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ