ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިގެން ކުރިއަށްދިޔަ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ރިފްއަތު މަޖިލީހަށް ވަޑައިގެންނެވި އިރު، އަރިހުގައި ވަޑައިގެންނެވި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަނގަބަހުން ފުރައްސާރަކޮށްފިއެވެ.
އޭޖީ އާއެކު އެ ދެބޭފުޅުން މަޖިލީހަށް ވަޑައިގަތުމުން ފުރަތަމަ ބޭތިއްބެވީވެސް ކޮޅަށެވެ.
އެ ދެ ބޭފުޅުން އިށީންނާނެ ގޮނޑިއެއް ދީ، އެ ދެ ބޭފުޅުންނަށް އިށީންނާނެ ފުރުސަތު ރިޔާސަތުން ދެއްވީވެސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެންނެވެ. ނިޒާމީ ނުކުތާ ނަންގަވައި ހިސާން ވިދާޅުވީ، އޭޖީއާއެކު އެހީތެރިންގެ ގޮތުގައި މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ދެ ބޭފުޅަކަށް ލިބިގެންވާ ކަމަށް މަޖިލީހުގެ ގަވާއިދު ބުނާ ކަމަށެވެ. އެހެންކަމުން އެންމެ ކުޑަމިނުން އެ ދެ ބޭފުޅުންނަށް އިށީންދެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ހިސާންގެ ނިޒާމީ ނުކުތާ ބަލައިގަތުމަށްފަހު އެ ދެ ބޭފުޅުން އިށީނުމުުގެ އިންތިޒާމު ހަމަޖެއްސެވުމަށް މަޖިލިސް ރައީސް އެންގެވިއެވެ.
އޭގެ ފަހުން ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަދައްކަވަމުން އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރިތޯ ސުވާލު އުފައްދަވައި ފާޑުވިދާޅުވުމުގެ ތެރެއިން އޭޖީ އާއި އެ ދެ ބޭފުޅުންނަށް ނިސްބަތްކުރައްވައި މެންބަރު ސަލީމް ވަނީ، އޭޖީގެ ދެ ފަރާތުގައި ތިއްބެވި ދެ އަންހެން ބޭފުޅުންނަކީ "18 އަހަރު ނުފުރޭ ދެ ކުދިންތޯ" ސުވާލުކުރެއްވިއެވެ.
"ބަންޑާރަ ނައިބުގެ ދެ ފަރާތުގައި ތި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ،" ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ އެ ސުވާލާ ގުޅިގެން މެންބަރުން އަޑުގަދަކޮށް ހޭން ފެށި އަޑު މުޅި މާލަމުން ގުގުމައިގެންދިޔައެވެ.
އެކަމާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި ގަޅޮލު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ، "މިތަނަށް ސަރުކާރުގެ އެކިއެކި ބޭފުޅުން ހާޒިރުކޮށް އަންހެން ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ ނިޒާމީ މައްސަލައެއް،" ކަމަށެވެ.
މީކާއީލްގެ ނިޒާމީ މައްސަލަ ބަލައިގަނެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރު ސަލީމް ނިސްބަތްކުރެއްވި މޭރުމުން މުހާތާބު ނުކުރެއްވޭނެ ކަމަށެވެ.
"އެއްވެސް އިއްޒަތްތެރި މެމްބަރަކު މިތަނަށް ވަޑައިގަންނަވާ ހާއްސަކޮށް ޖިންސުއްލަތީފުންނާ ގުޅޭގޮތުން، މިތަނަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭގޮތުން ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކުމަށް ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ކުރެއްވި ޓުވީޓެއްގައިވެސް މީކާއީލް ވިދާޅުވީ، "އެގޮތަށް ފޮށެން ފެށުނު މި ދުވަހަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގައި ކަޅު، ހުތުރު ދުވަހެއް،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު