މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގު މިއަދު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި މިއަހަރުގެ ލީގު ރަސްމީކޮށް އިއުލާނުކޮށް، މިއަހަރަށް ޕާޓްނަރުންވެސް އިއުލާނުކޮށްފައިވެއެވެ. އިވެންޓުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓެ) އާއި ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އަދި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ގެ އިތުރުން މިދިޔަ އަހަރު ލީގުގެ ޖޫނިއާ ޗެމްޕިއަން، ވިސިޓް މޯލްޑިވްސް އިވެންޓުގެ ފައިނަލިސްޓް އާމިން އުމަރު މޫސާވެސް ބައިވެރިފައިވެއެވެ.

ނޫސްވެރިންނާއި ލީގުގެ ޕާޓްނަރުންނާއެކު މިއަދު ބޭއްވި އިވެންޓުގައި މިއަހަރު ލީގުގެ ފުރަތަމަ އިވެންޓް، ބުރުނު ޝިކާރުގެ ހާއްސަ ޕޯސްޓަރުވެސް ރަސްމީކޮށް ދައްކާލާފައިވާ އިރު، އެ އިވެންޓް މިހާރު ތާވަލުކޮށްފައިވަނީ މިމަހުގެ 17 އިން 23 އަށެވެ. އިވެންޓް އޮންނާނީ ވަރުނުލާ ރާޅުގަނޑުގައެވެ.

މިއަހަރުގެ ލީގުގައި މާލެ ސަރަހައްދުން ބޭރުން، ފުވައްމުލަކުގެ އިވެންޓެއްވެސް ހިމަނާފައިވާ އިރު، މިއީ ބޮޑީބޯޑިން ލީގުގައި މާލެ ސަރަހައްދުން ބޭރުގައި އިވެންޓެއް ކުރިއަށްދާނެ ފުރަތަމަ ފަހަރުވެސް މެއެވެ. މިއަދުގެ އިވެންޓުގައި އެސޯސިއޭޝަނުގެ ފަރާތުން ވިދާޅުވީ އެކި އިވެންޓުތަކަށް ޕޮއިންޓް ދޭނީ އެކި ވަރަށް ކަމަށެވެ. އަދި ފުވައްމުލަކުގެ އިވެންޓަށްވެސް ރަނގަޅު އަދަދަކަށް ޕޮއިންޓް ކަނޑައަޅާފައިވުމުން އެ އިވެންޓަށް ނުގޮސް އެތުލީޓުންނަށް ލީގު ނުހޯދޭނެ ކަމަށްވެސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) މިއަދު ފާހަގަކުރެއްވިއެވެ. ރަޝް ވިދާޅުވީ މާލެ ސަރަހައްދުން ބޭރުގެ އެ އިވެންޓުން ގިނަ ޕޮއިންޓް ލިބޭނެ އުސޫލެއް ކަނޑައެޅީ މުބާރާތް ފޯރިގަދަ ކުރުމުގެ އިތުރުން ފުވައްމުލަކުގެ އެތުލީޓުންވެސް ވާދަވެރިވުމުން ކަމަށެވެ.

ބުރުނު ޝިކާރު އަކީ ބޮޑީބޯޑިންގެ އެންމެ ޒަމާންވީ އެއް އިވެންޓެވެ. މިފަހަރު ކުރިއަށްދާނީ ބުރުނު ޝިކާރު ސީރީސްގެ ފަސްވަނަ އިވެންޓެވެ. އެ އިވެންޓަށް ބުރުނު ނަކަތުގެ ނަމުން ނަން ދީފައިވަނީ އިވެންޓް ފުރަތަމަ ބާއްވަން ފެށީ އެ ނަކަތުގައި ކަމަށްވާތީއެވެ.

މިއަދު ކުރިއަށްގެންދިޔަ އިވެންޓުގައި ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ވިދާޅުވީ ބޮޑީބޯޑިން ލީގަކީ ސަރުކާރުން މޫދު ކުޅިވަރުތަކަށް ދެމުންދާ އަހަންމިއްޔަތުގެ ހެއްކެއް ކަމަށާއި، ލީގުގެ ސަބަބުން އެތުލީޓުންނަށް ހާއްސަ ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ބޮޑީބޯޑިންގެ ހަރާކަތްތަކަކީ އަބަދުވެސް ހިނގަމުން ދިޔަ ހަރަކާތްތަކެއް. އެ ހަރަކާތްތައް ލީގެއްގެ ސިފައިގައި މިދިޔަ އަހަރު ފެށިގެން ދިޔުމަކީ ކުޅިވަރަށް، ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ދޭހަކޮށްދޭ ކަމެއް. ރާއްޖޭގެ އެކި ހިސާބުތަކުގައި ކާމިޔާބީތައް ހޯދަމުންދާ އެތުލީޓުން ތިބި އިރު، މިފަދަ ލީގެއް އެކި ހިސާބުތަކުގައި ފެށިގެން ދިއުމަކީ އެތުލީޓުންނަށް ލިބިގެންދާނެ ހިތްވަރެއް އަދި ކުރިއެރުމެއް،" ޝިމާޒް ވިދާޅުވިއެވެ.

ލީގުގެ އިތުރުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މިހާރުވެސް ބޮޑީބޯޑިންއިން ވައިޑީޕީގެ ހަރަކާތްތަކެއް ހިންގަމުންދާ އިރު، އެކަމަށްވެސް ޝިމާޒް ވަނީ ތައުރީފު ކުރައްވައިފައެވެ. އަދި އެސޯސިއޭޝަނަށް އަބަދުވެސް މިނިސްޓްރީން އެއްބާރުލުން ދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބޮޑީބޯޑިން ލީގުގައި ޖުމުލަ ހަތަރު އިވެންޓެއް ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އެއީ ބުރުނު ޝިކާރުގެ އިތުރުން ފުވައްމުލަކުގައި ސެޕްޓެމްބަރު މަހު ބާއްވާ މުބާރާތާއި ކ. ތުލުސްދޫ އޮކްޓޯބަރު މަހު ބާއްވާ ރަންދާ ޗެލެންޖް އަދި ގައުމީ މުބާރާތް ކަމަށްވާ ބަނޑުފިއްލާ ޗެލެންޖެވެ. ބަނޑުފިއްލާ ޗެލެންޖް ވަރުނުލާ ރާޅުގަނޑުގައި އޮންނާނީ 23 ނޮވެމްބަރުން ޑިސެންބަރު މަހު އެއްވަނަ ދުވަހަށެވެ.

މިއަދުގެ އިވެންޓުގައި ވާހަކަދައްކަވަމުން އެސޯސިއޭޝަންގެ ރައީސް ފުކޫ ވިދާޅުވީ

ސްޕޮންސަރުންގެ ދަތިތަކާ ހެދި ލީގު ލަސްކޮށްލި ނަމަވެސް، މިހާރު އާ ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ސަރުކާރުން ބޮޑީބޯޑިންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތުކަން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ.

މިއަހަރު މާލެ ސަރަހައްދުން ބޭރަށް ލީގު ގެންދިއުމާ ގުޅިގެން ފުކޫ ވިދާޅުވީ ފުވައްމުލަކު ކަނޑައެޅީ ފުދޭ ވަރަކަށް ގިނަ ކުދިން އުފެދެމުން ދާ ސަރަހައްދަކަށް އެ ސަރަހައްދުވެފައި، ފުވައްމުލަކަކީ ގައުމީ ބޮޑީބޯޑިން ޓީމުގެ ވެސް ބައެއް ކުދިން ހިމެނޭ ސިޓީއަކަށްވާތީ ކަމަށެވެ. އޭގެ އިތުރުން ފުކޫ ވިދާޅުވީ ތުލުސްދޫގައި ލީގު އިވެންޓެއް ނިންމީ އެ ރަށުގެ ރާޅަކީ ބޮޑީބޯޑުކުރަން ވަރަށް އެކަށީގެންވާ ރާޅެއް ކަމަށްވެފައި އެ ރަށުގެ ބޮޑީބޯޑިން ކުރިއެރުވުމަށް ކަމަށެވެ.

މިއަދުގެ ޕްރެސްގައި ގައުމީ ޖޫނިއާ ޗެމްޕިއަން އާމިން ބުނީ ލީގު އުސޫލަށް މުބާރާތްތައް ބޭއްވުމަކީ ކުރިއެރުމެއް ކަމަށާއި، ވާދަވެރިކަން ބޮޑުވެއްޖެ ކަމަށެވެ.

"މިފަހަރުގެ އިވެންޓް ކުރިން އަހަރަށްވުރެ ވަރަށް ބޮޑަށްވެސް ވާދަވެރިވާނެ. އެއީ ވަރަށް ގިނަ އެތުލީޓުން އެބަފެނޭ ބޮޑުތަން ތަފާތުކޮށް މަސައްކަތް ކުރާތަން. އެންމެންވެސް ތިބީ ލީގު ނަގަން ހިފާފައި، ޖޫނިއާ އެތުލީޓުންވެސް ޖޫނިއާ ކެޓަގަރީގެ އިތުރުން ހަމަ ސީނިއާ ކެޓަގަރީއަށްވެސް ދަނީ ތައްޔާރުވަމުން. ލީގު ތައާރަފުކުރުމުން މިހާރު ރާއްޖޭގެ ބޮޑީބޯޑިން މިއޮތީ ވަރަށް ބޮޑަށް ވާދަވެރިވެފައި،" މިދިޔަ އަހަރު ދުނިޔޭ ޓުއާގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކުރި އާމިން ބުންޏެވެ.

މިއަހަރު އޮގަސްޓް މަހުގައި ވިސިޓް މޯލްޑިވްސް ޕްރޯ ރާއްޖޭގައި ބާއްވަން ނިންމާފައިވާ އިރު، ޖުލައި މަހު ލީގު އިވެންޓެއް ނޯންނަ ސަބަބަކީވެސް މުބާރާތަށް ޓީމު ތައްޔާރުވުމަށެވެ.

އާމިން ބުނީ ލީގުގެ ޗެމްޕިއަންކަމަށް ޓާގެޓުކޮށް މަސައްކަތްކުރަން ޖެހޭތީ އަހަރުތެރޭގެ ހުރިހާ އިވެންޓަކަށްވެސް އެއްވަރަކަށް މަސައްކަތް ކުރާތީ "ވިސްނުމަށް" ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިފަހަރު ފުވައްމުލަކާއި ތުލުސްދޫގައި އިވެންޓުތައް އޮތުމުން އާ ތަޖުރިބާތަކެއް ހޯދޭނެ ކަމަށް އާމިން ބުނެފައިވާ އިރު، އޭނާ ބުނީ "ފުވައްމުލަކުގެ ތަފާތު ރާޅުތަކުގައި ފުރަތަމަ ފަހަރަށް އަޅާލުން،" އެއީ ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމެއް ކަމަށެވެ.

މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ކޯ ސްޕޮންސަރަކަށް ސީ ސްޕޯޓްސް ހަމަޖައްސާފައިވާ އިރު، ގައުމީ މުބާރާތުގެ ކޯ ސްޕޮންސަރަކީ އެޓޯލް އެޑެވެންޗާސްއެވެ. ލީގުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މާޗަންޑައިސް ޕާޓްނަރަކަށް މުޖާސް އާޓްބޮކްސް ހަމަޖައްސާފައިވާ އިރު، އިވެންޓް ޕާޓްނަރަކީ އެފެކްސްޓް އެންޓަޓައިންމަންޓެވެ. މިދިޔަ 10 އަހަރުވެސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރި ޕްރިންޓް ލެބަކީ މިފަހަރު ލީގުގެވެސް ޕްރިންޓިން ޕާޓްނަރެވެ. ސަޕޯޓިން ޕާޓްނަރަކީ ރެޑްބުލްއެވެ.