ޗާގޯސް މައްސަލައިގައި، ރާއްޖެއަށް ބޮޑުބައި ހޯދަން އަޅުގަނޑު ވަކާލާތު ކުރިގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި ލިޔުމުގައި ސޮއިކުރި 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ، ގާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫންކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަނާއިބު ރިފްއަތު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދާ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
ރިފްއަތު ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމަށް 13 މެންބަރުން ނިންމެވީ ގާނޫނީ ކޮން އުސޫލަކުންތޯ ސުވާލުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
"ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް، ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ހޯދުމަށް އަޅުގަނޑު ވަކާލާތުކުރިގޮތާމެދު މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ 13 މެންބަރުން ގެ ހިތައް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގައި އެބޭފުޅުންނާ އެކީ އުޅުއްވުމަށްފަހު ވަކިވެ، ހާއްސަކޮށް އިތުބާރު ނެތްކަމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލިސް ރައީސް އާއި އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ރިފްއަތު ވިދާޅުވީ، "ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވުމަކީ ދުނިޔޭގެ ތަބީއަތަށް ވެދާނެ، ނަމަވެސް ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއް،" ކަމަށެވެ.
ރާއްޖޭގައި އޮންނަނީ ކަޅާއި ހުދުން ލިޔެފައިވާ ގާނޫނު އަސާސީއެއް ކަމަށާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮންނަނީ ގާނޫނު އަސާސީގެ ސިޔާދަތު ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނު ލިއުމުން އޮތުމުގެ ބޭނުމަކީ ގާނޫނުގެ ރައްކާތެރިކަން އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުން، ހިތުހުރި ގޮތަކަށް ކޮންމެ މީހަކަށް ގާނޫނު މާނަކުރުމެއް ނޯވޭ، އެކަން ކުރުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން މަތިކޮށްފައިވަނީ ރާއްޖޭގެ ކަމާބެހޭ ކޯޓުތަކާ، އެއީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާއި ގާނޫނުއަސާސީ މާނަކުރުމަށްޓަކައި ރިއާޔަތް ކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
މިކަންތައްތައް ރިފްއަތު ފާހަގަކުރެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރުމަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު