ޗާގޯސް މައްސަލަ ނިމުނުއިރު، މޮރިޝަސް ސަރުކާރުން އެމަނިކުފާނަށް ދިން ރަން މެޑެއްޔެއް، ދިން ލަގަބެއް، އިއްޒަތެއް އަދި ޑޮލަރުލާން ހުޅުވި އެކްސްކްރޯ އެކައުންޓެއްވެސް ނޯންނާނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރިފްއަތު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި، އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
ރިފްއަތު މިހެން ވިދާޅުވި އިރު، ކަނޑުގެ މައްސަލަ އެގޮތަށް އޮއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު މޮރިޝަސްއަށް ވަޑައިގަތުމުން ގައުމުން ބޭރުގެ ފަރާތަކަށް އެގައުމުން އަރުވާ އެންމެ މަތީ ލަގަބު ރައީސް ނަޝީދަށް އަރުވައި އެމަނިކުފާނުގެ ކަރުގައި ވަނީ އެ މެޑެލް އަޅުވައިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކައިލި ކަމަށް އިދިކޮޅު މެންބަރުން ކުރައްވާ ތުހުމަތުތަކަށް ރައްދުދެއްވައި ރިފްއަތު ވިދާޅުވީ، ރާއްޖޭގެ ދެކުނު ކަނޑުގެ ހާއްސަ އިގުތިސޯދީ ސަރަހައްދު، މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ މައްސަލަ މިދިޔަ އޭޕްރީލް 28 ގައި އިޓްލޮސް އިން ނިންމި އިރު، "އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެން،" ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ އީސީޒެޑްގެ މައްސަލައަކީ ޒަމާންވީ މާޒީއެއް އޮތް ހައްސާސް މައްސަލައެއް ކަމަށާއި 1992 ވަނަ އަހަރުން ފެށިގެން މި މައްސަަލައަށް ކުރީގެ އެއްވެސް ސަރުކާރަކުން، ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ކެރިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނޭނގި ނަމަވެސް ކޮށްފައިވާ ކަމަކީ ބޮޑުތަނުން އިހުމާލުވުން، ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ވެފައިވާ އިހުމާލުވެސް އިންތިހާއަށް ބޮޑު، އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަކުރަން،"
އެގޮތުން ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި ބަންޑާރަނައިބަކާ ހަވާލުކުރި ސްޓްރެޓަޖީ އަދިވެސް އޮތީ ނަހަދައި ކަމަށްވެސް ވިދާޅުވިއެވެ.
ކަނޑުގެ މައްސަލަ ނިންމިގޮތާމެދު ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރެއިން، އެންމެ އިސްކޮށް އުޅުއްވާ ޑރ. މުނައްވަރު ހުންނެވީ ރައީސް މައުމޫނުގެ ވެރިކަމުގެ ބަންޑާރަނައިބުގެ ގޮތުގައެވެ.
ރިފްއަތު ވިދާޅުވީ، ދެކުނުގެ އިއީޒެޑްގެ މައްސަލައިގައި އޭނާ އިސްކުރެއްވީ ދިވެހި ދައުލަތުގެ މަތީ މަސްލަހަތު ކަމަށެވެ.
"އިއީޒެޑްގެ މައްސަލައިގައި އަޅުގަނޑު ނިންމި ކޮންމެ ނިންމުމެއް ނިންމަވާފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުގެ ތަރަހައިގެ ތެރެއިން، ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތައް ލާޒިމްކުރާ އެންމެހާ ކަންތައްތަކަށް ބަލައިގެން، ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ އެއްވެސް ސަރުކާރަކުން އެ މައްސަލަ ހައްލު ކޮށްފައިނުވާކަން ފާހަގަކުރަން، ނަތީޖާއަކަށްވީ މޮރިޝަސްއިން ރާއްޖޭގެ މައްޗަށް 2019 ވަނަ އަހަރު ދައުވާކުރުން،"
އެ މައްސަލައިގައި ރާއްޖޭން ވަކާލާތު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގޮތުން އެ ދާއިރާގެ އެންމެ މަތީ ފަންތީގައި ހިމެނޭ ޕްރޮފެސަރުންނާއެކުގައި ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.
"އެ މައްސަލައިގައި އަޅުގަނޑުމެން މަސައްކަތް ކޮށްފައި ވަނީ، ހާވާޑާ، ކެމްބްރިޖުފަދަ ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކޮށް އިނގިރޭސިވިލާތް, ކެނެޑާ، ފްރާންސް، ސްވިޒަލޭންޑް ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ޕްރޮފެސަރުންނާއެކު. އެއީ ކަނޑުގެ ގާނޫނު ނުވަތަ ބައިނަލްއަގުވާމީ ގާނޫނު ކިޔަވައިދޭ ބޭފުޅުން، ކަނޑުގެ ސަރަހައްދާބެހޭ މައްސަލަތަކުގައި ބައިނަލް އަގުވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި އަމަލީގޮތުން ވަކާލާތުކުރާ ގާނޫނީ މާހިރުން އަދި ހައިޑްރޮގްރަފީ އަދި ތިއޮލޮޖީގެ މާހިރުން،"
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު