އޮޑިއްޝާ ރޭލު އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދިއްޖެއެވެ.
އިންޑިއާގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ރޭލު އެކްސިޑެންޓުގައި މިހާތަނަށް 294 މީހުން މަރުވެފައިވާއިރު އެ ހާދިސާ ހިނގި ގޮތް ހޯދުމަށް އެ ގައުމުގެ ރޭލާ ބެހޭ ވުޒާރާއިން ވަނީ ބޮޑު ތަހުގީގެއް ފަށާފައެވެ.
އިންޑިއާގެ ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވަނީ ތިން ރޭލު މުޑިއަރައި ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކަމަށް ތަހުގީގުން ހާމަވެފައިވަނީ ރޭލު ދަގަނޑުގެ އިލެކްޓްރިކް އިންޓަލޮކިން ސިސްޓަމަށް އައި ބަދަލެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
ރޭލު ދަގަނޑުގެ އިލެކްޓްރިކް އިންޓަލޮކިން ސިސްޓަމަކީ ހާއްސަ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކޮންޓްރޯލް ކުރާ ސިސްޓަމެކެވެ. މި ސިސްޓަމް މެދުވެރިކޮށް ރޭލު ދާންޖެހޭ މަގަށް ފަހިވާ ގޮތަށް ދަގަނޑަށް ބަދަލުގެންނާނެއެވެ.
މިހާތަނަށް ތަހުގީގަށް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ސިސްޓަމް ފެއިލިއާއެއްގެ ސަބަބުން ނުބައި ސިގްނަލެއް ދިނުމާއެކު ފަސިންޖަރުން ދަތުރުކުރަމުންދިޔަ ރޭލު ނުބައި ލޭނަކަށް ބަދަލުވިއެވެ. އެވަގުތު އެލޭނުގައި ކާގޯ އުފުލާ ރޭލެއް މަޑުކޮށްގެން އޮތްކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޮފިޝަލުން ވަނީ އެކްސިޑެންޓް ހިނގި ލޭނުގައި ހުރި ދަގަނޑުތައް ދަބަރަށްވެފައިހުރިކަން ފާހަގަކުރެވިފައިވާކަމަށްވެސް ބުނެފައެވެ.
ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަހުގީގު ނިމުމާއެކު ފުރިހަމަ ރިޕޯޓެެއް ނެރޭނެކަމަށް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ