Close
ޚަބަރު

ރ. އަތޮޅު ދެކުނުބިތުގެ އެއާޕޯޓު ތަރައްގީ ކުރާނީ ބެރިޔަންފަރުގައި: ރައީސް

އަލީ ޔާމިން

ރ. އަތޮޅު ދެކުނުބިތުގައި އެޅުމަށް ސަރުކާރުން ވައުދުވި އެއާޕޯޓް ތަރައްގީ ކުރާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓް، ބެރިޔަންފަރުގައި ތަރައްގީކޮށް އިންޓަނޭޝަލް ކޮށްދޭން މީދޫ އާއި ރަސްމާދޫ އަދި އިންނަމާދޫގެ އިތުރުން ކިނޮޅަހު ކައުންސިލުން ވަނީ ރައީސް ސޯލިހަށް ހުށަހަޅައިފައެވެ. އެ ކައުންސިލްތަކުން އެގޮތަށް ހުށަހެޅީ އެ އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓު ފުއްސަރުގައި އަޅައިދޭން މަޑުއްވަރީ ކައުންސިލުން އެދިފައި ވަނިކޮށެވެ.

ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން ވަނީ 23.6 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަ ގިނަ ރަށްރަށަށް ނުލިބުމާއި އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމުމުންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރަމުން އަންނަ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެއްގަމާ ކަނޑާ ވައިގެ ވިއުގަ އަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.