ޚަބަރު

ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމަނީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ކުރާ ދައުވާގައި، ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ހެކިބަސް ނެގުމެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ބަންދަން ލުޔެއް ދިނުމަށް ލަމްހާގެ ފަރާތުން އެދިފައިވާ މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

މި މައްސަލައިގައި ލަމްހާ ބަންދުކޮށްފައި ވަނީ ޝަރީއަތް ނިމެންދެނެވެ. ނަމަވެސް ބަންދުގެ މުއްދަތު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

އެހެންކަމުން ލަމްހާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ދައުލަތުގެ ފަރާތުން އެންމެ ފަހުން ކޯޓަށް ހުށަހެޅުމުން، ސިއްހީ މައްސަލަތަކެއް ފާހަގަކޮށް ލަމްހާ ވަނީ އޭނާގެ ބަންދަށް ލުއެއްދިނުމަށް އެދިފައެވެ.

ލަމްހާ ފާހަގަ ކުރި ބައެއް ކަންތައްތަކުގެ ތެރޭގައި، އޭނާގެ މައިބަދައިގެ ޑިސްކެއްގައި ރެނދެއް ލާފައިވާތީ "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ލަފާ ދީފައިވާ އިރު، ޖަލުގައި އުޅެން ޖެހެނީ ކުދިކުދި ކަންކަން ވެސް ކޮށްދޭނެ މީހެއްގެ އެހީ ނެތި ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންވެ ބަންދަށް ލުއެއް ދޭން އޭނާ އެދުނެވެ.

އޭނާ ބުނެފައިވަނީ، އޭނާއަށް ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިއެއް ދީފައި އޮތުމުން، ފެން ބޭނުން ކުރަން ދަތި ކަމަށާއި އެ ހޮޅިއާ ގުޅުވާފައި ޖަލު ތެރޭގައި އޭނާއަށް ނަންނަމުން ގޮވާ ކަމަށާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކާގޮތުން ނަރުސް މީހާގެ ގާތިލް ގޮތުގައި އޭނާ ސިފަކުރާ ކަމަށްވެސް ބުންޏެވެ.