އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އަނެއްކާވެސް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ.
ނަމަވެސް ރިފްއަތު މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ނިންމަވައި، އެދުވަހުގެ ޖަލްސާގައި އެމައްސަލަ އިތުރަށް ކުރިއަށް ގެންދަވާފައެއް ނުވެއެވެ.
އެދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް މިގޮތަށް ނިންމެވީ، ގާނޫނުއަސީގެ 101 ވަނަ މާއްދާގެ ދަށުން، އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭޖީއަށް ލިބިވަޑައިގަންނަވާ ފުރުސަތުގައި މަޖިލީހަށް ހާޒިރުވެވަޑައިނުގެން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ފޮނުއްވި މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.
މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ މާއްދާގައި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ބުނެފައި އެވަނީ، މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާއިރު، އެކަމާބެހޭ ކިތާބީ ހެއްކާއި ޑޮކިއުމެންޓްރީ އެވިޑެންސް ހުށަހެޅުމަށް ކަމަށެވެ. އޭގެ މާނައަކީ މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ދެއްވުން ނޫން ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ، ލިޔުމުން ޖަވާބުދާރީ ވުމާއި، މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާހިނދެއްގައި ބޭނުންކުރައްވަން އޮތް ފުރުސަތެއް ކަމަށާއި، އޭގެން ކޮންމެ ހައްގެއްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރު ބޭނުންވެއްޖެ ހިނދެއްގައި ދޫކޮށްލެވިދާނެ ކަމަށެވެ.
ލިޔުމުން ޖަވާބުދާރީވާން އޭޖީ މަޖިލީހަށް ފޮނުއްވާފައި ވަނީ ހާޒިރުވެވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ފުރުސަތު ބޭނުން ކުރައްވަން ބޭނުން ނުވާތީ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
އެ މައްސަލައިގެ ހިޔާލުތަފާތުވުން ބޮޑުވެގެން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދުވަހުގެ ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ. އެއަށްފަހު މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެވިއްޖެ ކަމަށާއި، ނަމަވެސް ނަތީޖާއެއް ލިބިވަޑައިނުގެންނެވި ކަމަށެވެ.
އެމްޑީޕީނޫން އެހެން ޕާޓީތަކުން ދެކޭ ގޮތުގައި އޭޖީ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
މިހާރުއޮތް ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމަށްފަހު މަޖިލީހުގައި އިތުބާރުނެތްކަމުގެ މައްސަލަތައް ކުރިއަށްދިޔަ ގޮތް ހާމަކޮށްދެއްވަމުން މަޖިލިސް ރައީސް އެދުވަހު ވިދާޅުވީ، "2009 ވަަނަ އަހަރު ހާރިޖީ ވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓެއް ހުށަހެޅުނު، އެފަހަރު ހާރިޖީ ވަޒީރު މިތަނަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެންނެވި، އެއަށްފަހު އާއިޝަތު އާޒިމާ ޝުކޫރު ބަންޑާރަ ނާއިބު ކަމުގައި 29 އޮކްޓޫބަރު 2013 ގައި ލިޔުމެއް ނުފޮނުއްވާ ވަޑައެއްވެސް ނުގަންނަވާ، އެންމެ ފަހު ވަގުތު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވި، އެއަށްފަހުގައި ނާއިބު ރައީސް ޑރ. ޖަމީލު ލިޔުމެއް ސޮއިކުރައްވާފައެއް ނުފޮނުއްވާ މިތަނަކަށް، ފޮނުވި ލިޔުމެއް ނުކިޔާ،" ކަމަށެވެ.
ޕީޕީއެމް، ޕީއެންސީ، އެމްއެންޕީން ދެކޭގޮތުގައި ބަންޑާރަ ނައިބަށާއި ވަޒީރުބޭފުޅުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކީ ކިތާބީ ހެއްކާ އެކުގައި، ނުވަތަ ޑޮކިއުނެމްޓްރީ އެވިޑެންސާ އެކުގައި މަޖިލީހަށް ވަޑައިގެން ޖަވާބުދާރިވެވަޑައިގަތުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރިއަށްދާނެ ގޮތަކަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިބާވަތުގެ ކަންކަމުގައި "އަޅުގަނޑު ޖެހޭނީ އިސްތިރާޝީ ލަފައެއް ހޯދަން، ގާނޫނުއަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވައިލެވުނުއިރު އޮތްގޮތާއި، މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭގޮތަކީ ސުޕްރީމްކޯޓުގެ ނިންމުމެއް،"
އެއީ ގާނޫނުއަސާސީއާ ހިލާފަށް ވަޒީރު ބޭފުޅަކު ވަކިކުރުމުގެ އިޖުރާއަތްތައް ހިންގުމަކީ ރިޔާސަތުގައި އިންނަވައިގެން އެ މަނިކުފާނަށް ކުރެއްވޭނެ ކަމަކަށް ނުވާތީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިތުބާރުނެތް ކަމުގެ ވޯޓުގެ މައްސަލަ އެ ހިސާބުން ކުރިއަށް ނުގެންދެވުމަށް އެމަނިކުފާނު ނިންމެވިއެވެ.
މާދަމާގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކޮށްފައި މިވަނީ، އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހަށް ހާޒިރުވެވަޑައިގެން އަނގަބަހުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އެދިވަޑައިގެންނެވުމުންނެވެ.
އެކަމަށް އެދިވަޑައިގެން ރައީސް ނަޝީދަށް އެޑްރެސް ކުރައްވާ ރިފްއަތު މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ލިޔުމުން ދިފާއު ހުށަހެޅުއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށްވާތީ ކަމަށެވެ. އެކަމުގައި އޭނާ އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ, ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިމިގެންދިޔައިރުވެސް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
"އަޅުގަނޑުގެ ދިފާއުގައި އަނގަބަހުން މަސައްކަތްކުރުމަށް ލިބިދީފައިވާ ހައްގުވެސް އިހުތިޔާރުކޮށް, ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައިގެ ބަހުސް އޮންނަ ދުވަހު އެ މަޖިލީހަށް ހާޒިރުވެ, އެ ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސަވައިދެއްވުމަށް ދަންނަވަމެވެ," ރިފްއަތުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.