އިންޑިއާގައި ރޭލެއް ދަގަނޑުން ކައްސާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

އިންޑިއާގެ އޮޑިއްޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓްގައި ހިނގި މިހާދިސާގައި ފަސިންޖަރުން އުފުލާ ރޭލު ވަނީ ރޭލުދަގަނޑުން ކައްސާލައި ކާގޯ ރޭލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ރޭލުން ދަތުރުކުރި މީހުންގެ ތެރެއިން 179 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ މި ހާދިސާގައި ރޭލުން ދަތުރުކުރި ބައެއް މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ. ނަމަވެސް މި ހާދިސާގައި މަރުވި މީހުންގެ ރަސްމީ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ރޭލުގެ ތެރެއިން ބައެއް މީހުން ނެރެން ޖެހުނީ ރޭލު ކަފާލައިގެންނެވެ.

އިންޑިއާގެ ރޭއިލްވޭގެ އޮފިޝަލުން ވަނީ ތަހުގީގީ ޓީމެއް އެކުލަވާލައި ހާދިސާގެ ތަހުގީގު ފަށާފައެވެ.

އިންޑިއާގައި ދުވާލަކު 12 މިލިއަން މީހުން، 14،000 ރޭލު ދަތުރު ކުރާކަމަށް ތަފާސް ހިސާބުތަކުން ރެކޯޑްކޮށްފައި ވެއެވެ.