ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައި ހިމެނޭ ކަނޑުގެ ސަރަހައްދު ބައިކުރުމުގައި ބައިނަލްއަގުވާކީ ކޯޓުން ނިންމި ނިންމުން ބަދަލު ކުރެވޭނެ ގޮތެއް ޗާގޯސް ކޯލިޝަނަށް ބުނެ ނުދެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކާއި ބައެއް ސިޔާސީ އިސް ފަރާތްތައް އެއްވެގެން އުފައްދާފައިވާ ކޯލިޝަނުން، އާޓިފިޝަލް ބީޗުގައި މާދަމާ ރޭ ބާއްވާ ޖަލްސާއާ ގުޅޭ ގޮތުން މިއުވާން މިއަދު ވިދާޅުވި އެއީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ދިވެހިންގެ ހިތުގައި އޮތް ވަތަނީ ޖޯޝުގެ ފައިދާ ސިޔާސީ ގޮތުން ނަހަމަގޮތުގައި ބޭނުންހިފިދާނެ ކަމުގެ ހުވަފެނެއްގައި މަދު ފަރާތްތަކަކުން ހިންގާ ހަރަކާތެއް ކަމަށެވެ.
އެކަމުގައި އުޅުއްވާ ގިނަ ބޭފުޅުންނަކީ އެރޮނގުން ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ނޫން ކަމަށާއި އެ މައްސަލައިގައި އެބޭފުުޅުން ދައްކާ ވާހަކަ ދިމާނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މައްސަލަ ނިމުނީ ރިޝްވަތު ނަގައިގެންނޭ، ނުފޫޒުންނޭ، ދޫކޮށްލައިގެންނޭ، ރަނގަޅަށް ވަކާލާތު ނުކުރެވިގެންނޭ، މިގޮތަށް ވަރަށް ގިނަ އެއްޗެހި އެކި ބޭފުޅުން ވިދާޅުވޭ، އެހެން ނަމަވެސް ދެބޭފުޅުން އެކައްޗެއް ވިދާޅެއްނުވޭ، މި ބޭފުޅުންނަށް އެއްބަސްވެވޭ ހަމައެކަނި ކަމަކީ ވެރިކަމަށް ވަޑައިގެންނެވުން އެކަމަށް ހުރިހާ ބޭފުޅުންވެސް އެއްބަސްވޭ،"
މިއުވާން ވިދާޅުވީ، އެ މައްސަލައަކީ އިތުރަށް ބަދަލު ގެނެވޭނެ މައްސަލައެެއް ނޫން ކަމަށެވެ. އެ މައްސަލަ އެޕީލްކުރާ ވާހަކަ ދައްކާއިރު އެކަން ކުރެވޭނެ ގޮތެއް އެބޭފުޅުން ކިޔައިނުދެއްވަނީ އެހެންވެގެން ކަމަށްވެސް ވިދާޅުވިއެވެ.
"މި މައްސަލަ އެޕީލްކުރާ ވާހަކައެއްވެސް ބައެއް ބޭފުޅުން ދެއްކެވި. އެހެންނަމަވެސް އެޕީލް ކުރަނީ ކޮންތާކަށް ކިހިނެއްކަމެއް އެއްވެސް ބޭފުޅަކަށް މިހާތަނަށް ވިދާޅުވެއެއްނުދެއްވޭ، އެކަން ވިދާޅު ނުވެވޭ ސަބަބަކީ އެޕީލް ނުކުރެވޭނެކަން އެބޭފުޅުންނަށްވެސް އެނގޭތީ، ސަރީހަކޮށް އެވާހަކަ އެއޮތީ ބަޔާންކުރެވިފަ. އެހެންވީމަ ނުކުރެވޭނެ ކަމެއްގައި ވާހަކައެެއް އެ ދައްކަނީ،"
މިއުވާން ވިދާޅުވީ އެއީ ތިން މަރުހަލާ އޮންނަ މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލަ ރިވިއު ކުރެވޭ ހިސާބަށްވެސް ދާނީ އެ ނިންމުމުގެ ތެރެއަށް އެކަމާނުބެހޭ ކަމެއް ވަނުމުން ކަމަށާއި އެފަދަ ކަމެއް މިހާތަނަށް ހިނގާފައިވެސްނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު