ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލައްވާފައިވާތީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި ތަރައްގީގެ މަސައްކަތްތައް ތަންފީޒުކުރުމަށް ހުރަސްއެޅެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ނުގެންދިއުމަށް މަޖިލިސް ރައީސް އަމުރު ކުރައްވާފައިވަނީ، އެމަނިކުފާނަށް ތާއީދު ކުރައްވާ "ފިކުރުގެ ދިރުން" އަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވުމާ ގުޅިގެން މަޖިލިސް ތަޅުމުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން ތިއްބެވި ނިސްބަތަށް އައި ބަދަލާއެކު، ކޮމިޓީތަކުގައި މެންބަރުން ހިމެނެން ޖެހޭ ގޮތް ބަދަލުވެފައިނުވާތީއެވެ.
އެ މައްސަލައަށް މިހަފުތާގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް، ފަހުން ވިދާޅުވީ ކޮމިޓީތަކުގައި މެންބަރުން އެތުރިފައިވާގޮތަށް ގެނައި ބަދަލަށް، ސިޔާސީ ޕާޓީތަކަށް އެއްގަލަކަށް އެރިފައިނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިއުވާން ވިދާޅުވީ، ސަރުކާރުން ހުށަހެޅި މުހިއްމު ގިނަ ބިލުތައް ހުރީ މަޖިލީހުގެ ކޮމިޓީތަކުގައި ކަމަށާއި ކޮމިޓީތައް ކުރިއަށް ނުދާތީ އެ ބިލުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުގެ ތެރޭގައިވަނީ މަޑުޖެހިފަ، ނިމިގެން މިދިޔަ ހަފުތާގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރުވެސް އިގުތިސޯދާ ގުޅުންހުރި މުހިންމު ބައެއް ބިލުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރެއްވި،"
މިއުވާން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި ޖަނަވާރުގެ ސިއްހަތުގެ ބިލާއި ބިނާވެށި ޕްލޭން ކުރުމާ ބެހޭ ބިލާއި އިންޝުއަރެންސް ބިލާއެކު ގިނަ އަދަދެއްގެ ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުތައްވެސް މަޑުޖެހިފައިވާ ކަމަށެވެ.
މަޖިލީހުގައި ހުރި ރައްޔިތުންނާ ގުޅުންހުރި ބިލުތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ނިންމަން ބޭނުންވާ ކަމަށާއި އޭގެ ފައިދާ ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ލިބިގެން ދިއުމަށް ސަރުކާރުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު