Close
ފުޓްސަލް

ޓެކާސް ރިސޯޓު ކަޕް: ރ. އަތޮޅު މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ޓެކާސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ޓެކާސް ރިސޯޓް ކަޕް 2023 ގެ ދެވަނަ މުބާރާތް ކަމަށްވާ ރ. އަތޮޅުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޓެކާސްއިން މިދިޔަ އަހަރުވެސް ކާމިޔާބު މުބާރާތެއް އެކިއެކި ސަރަހައްދުތަކުގައި ރިސޯޓުތަކަށް ބާއްވާފައިވާ އިރު، މިއަހަރުގެ ފުރަތަމަ މުބާރާތް ބޭއްވީ ދ. އަތޮޅުގައެވެ. މިދިޔަ މަސް ތެރޭގައި ނިމުނު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސެއިންޓް ރެޖިސް ވޮއްމުލިންނެވެ.

ރ. އަތޮޅުގެ މުބާރާތް ހޮނިހިރު ދުވަހު ފަށާނީ ޖޯލި މޯލްޑިވްސްގައެވެ. އެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރުމަށް ނިންމާފައިވާ އިރު، ވާދަކުރާ ރިސޯޓުތަކަކީ ހޯސްޓް ޖޯލި މޯލްޑިވްސް، ޖޯލި ބީން އާއި ކޯރާ ކޯރާ މޯލްޑިވްސް އަދި އަމާރީ ރާޔާ މޯލްޑިވްސްއެވެ.

މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.

ޓެކާސް ރިސޯޓު ކަޕް 2023ގެ މުބާރާތްތައް މިފަހަރު ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކާއި ކާފު އަތޮޅުގެ އުތުރު ބިތުގެ ރެސޯޓުތަކުގެ އިތުރުން ބ، ޅ، އަދ، ނ، ރ އަދި ދ އަތޮޅަށެވެ. ކ. އަތޮޅުން ގިނަ ރިސޯޓުތަކެއް މުބާރާތުގައި ބައިވެރިވެފައިވުމާ އެކު އެ އަތޮޅުގެ ރިސޯޓުތައް ދެ ފަޅިއަކަށް ބަހާލައިގެން ދެ މުބާރާތަކަށް ކުރިއަށް ގެންދާ އިރު، ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ކުރިއަށް ދާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. އަދި ކާފު އަތޮޅު އުތުރު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ބާއްވާނީ ކުރުނބާ މޯލްޑިވްސްގައެވެ.

ނ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް ސިޔާމް ވޯލްޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ބ. އަތޮޅު މުބާރާތް ކުރިއަށްދާނީ ރޯޔަލް އައިލެންޑް ރިސޯޓުގައެވެ. މިފަހަރުވެސް އދ. އަތޮޅުގެ މުބާރާތް ކުރިއަށްދާނީ ކޮންޑްރަޑް މޯލްޑިވްސްގައެވެ.

ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.