ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ހަތަރު މުބާރާތުގެ ތާރީހަށްވެސް ބަދަލުތަކެއް ގެނެސް، މިއަހަރުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް މި މަހު ފަށަން ނިންމައިފިއެވެ.
ބޮޑީބޯޑިން އެސޯސިއޭޝަނުން މިދިޔަ އަހަރުވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ގައުމީ ބޮޑީބޯޑިން ލީގުގައި މިފަހަރުވެސް ހަތަރު އިވެންޓެއް ތާވަލުކޮށްފައިވެއެވެ. އެއީ ތިން ސަރަހައްދެއްގައި ބާއްވާ ހަތަރު އިވެންޓެކެވެ. މާލޭގައި މި މަހު އެއްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި ފުވައްމުލަކުގައި ބާއްވަން ނިންމާފައިވާ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖާއި ތުލުސްދޫގައި ބާއްވާ ރަނދާ ބޮޑީބޯޑިން ޗެލެންޖް އަދި އެންމެފަހުން މާލޭގައި ބާއްވަން އޮތް ގައުމީ ބަނޑުފިއްލާ ޗެލެންޖެވެ.
މިހާރު އޮތް ގޮތުން މި މަހު ބުރުނު ޝިކާރު ބޭއްވުމަށްފަހު، ފުވައްމުލަކުގެ މުބާރާތް ދެން އޮންނާނީ ސެޕްޓެމްބަރު މަހުގައެވެ. އެއީ މީގެ ކުރިން ޖޫން މަހު ބާއްވަން އޮތް އިވެންޓެކެވެ. މިހާރު އޮތް ގޮތުން އެ މުބާރާތް ތާވަލުކޮށްފައި ވަނީ ސެޕްޓެންބަރު މަހު 21-29 އަށެވެ. ތުލުސްދޫ ރަނދާ ޗެލެންޖް ކުރިން ސެޕްޓެމްބަރު މަހު ބާއްވަން އޮތް ނަމަވެސް މިހާރު އެ މުބާރާތް ލަސްކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 13 އިން 21 އަށެވެ. އަދި މިހާރު ތާވަލު އޮތް ގޮތުން ބަނޑުފިއްލާ ޗެލެންޖެ ވަރުނުލާ ރާޅުގަނޑުގައި އޮންނާނީ 23 ނޮވެމްބަރުން ޑިސެންބަރު މަހު އެއްވަނަ ދުވަހަށެވެ.
ބުރުނު ޝިކާރުއަށް މިހާރު ރަޖިސްޓްރޭޝަން ހުޅުވާލާފައިވާ އިރު، އެ އިވެންޓް އޮންނާނި ޖޫން 17 އިން 23 އަށެވެ.
ބޮޑީބޯޑިން ލީގުގެ ތެރެއިން، މިއަހަރުވެސް ބައިނަލްއަގުވާމީ ޓުއާގެ މުބާރާތް ރާއްޖޭގައި އޮންނާނެއެވެ. މިފަހަރުގެ ވޯލްޑް ޓުއާ ރާއްޖޭގެ އިވެންޓް، މޯލްޑިވްސް ޕްރޯ އޮންނާނީ އޮގަސްޓް ތިންވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑުގައެވެ. ރާއްޖޭގައި ބާއްވާ އިވެންޓަކީ ވޯލްޑް ޓުއާގެ އިވެންޓްތަކުގެ ތެރެއިން ދެވަނައަކަށް އެންމެ ބޮޑު ފައިސާގެ އިނާމެއްވެސް ހުށަހަޅާފައިވާ އިވެންޓެވެ. ރާއްޖޭގައި ބާއްވާ އިވެންޓްގެ ޖުމުލަ ފައިސާގެ އިނާމަކީ 70،000 ޑޮލަރެވެ.
މިދިޔަ އަހަރުވެސް ރާއްޖޭގައި "ވިސިޓް މޯލްޑިވްސް ޕްރޯ 2022" ގެ ނަމުގައި ދުނިޔޭގެ ބޮޑީބޯޑިން ޓުއާގެ އިވެންޓެއް ހޯސްޓް ކޮށްފައިވާ އިރު، އެ މުބާރާތް ފެނުނީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ. ހާއްސަކޮށް ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުންނާއެކު ދިވެހި އެތުލީޓުންގެ ތަފާތުވެސް ފެނިގެން ގޮސްފައިވެއެވެ. ރާއްޖޭގެ ހޯސްޓިންނަށް އައިބީސީންވެސް ތައުރީފު ކޮށްފައިވެއެވެ.