މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ ރޮކީ އޯރު ރާނީކީ ޕްރޭމް ކަހާނީއެވެ. މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އެނބުރި އައުމެކެވެ. ރޮމޭންޓިކް އަދި އާއިލީ ގުޅުމުގެ މައްޗަށް އުފައްދާ މި ފިލްމުގައި ލީޑްރޯލުން ފެނިގެންދަނީ ރަންވީރު ސިންގު އަދި އާލިއާ ބަޓްއެވެ. ރަންވީރު އަދި އާލިއާގެ ކެމިސްޓްރީ މީގެ ކުރިންވެސް ވަނީ ފެނިގެންގޮސްފައެވެ. އެއީ ސުޕަހިޓް ފިލްމު "ގަލީ ބޯއީ" އިންނެވެ.
ރޮކީ އޯރު ރާނީކީ ޕްރޭމް ކަހާނީގައި ވެޓެރަންސް ތަރިން ކަމަށްވާ ދަރްމެންދްރާ އާއި ޖަޔާ ބަޗަން އަދި ޝަބާނާ އަޒްމީވެސް ފެނިގެންދެއެވެ. މިދިޔަ އަހަރު ރަންވީރުގެ ދެ ފިލްމު ކަމަށްވާ "ސާކަސް" އަދި "ޖައިޝްރީ ބައި ޖޯރްދާރު" އަށް މާބޮޑު ތަރުހީބެއް ލިބިފައި ނުވާތީ މި ފިލްމު ހިޓް ވުމަކީ އޭނާއަށް ވަރަށް މުހިއްމު ކަމެކެވެ.
މިހުރިހާ ކަމެއް މިހެން އޮއްވާ އިންޑިއާގެ ރެޑިޓް ވެބްސައިޓަށް ފިލްމުގެ ޕްރެޑިކްޓެޑް ޕްލޮޓްއޭ ކިޔާފައި މީހަކު މިވަނީ ފިލްމުގެ މުޅި ވާހަކަ އެކީ ލީކުކޮށްލާފައެވެ. ނުވަތަ އޭނާގެ އަންދާޒާ ވާހަކައެއް ކިޔައިދީފައެވެ.
އެ މީހާ ލީކު ކޮށްލި ވާހަކައިގައި ވާގޮތުން ދިއްލީގައި ކުޅެފައިވާ މި ފިލްމުގައި ރަންވީރު ކުޅެނީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއްގެ ރޯލެވެ. ބޮޑު ބަންގަލޯއެއްގައި މުޅި އާއިލާ އެކީ ދިރިއުޅޭއިރު ގޭގެ ވިޔަފާރީ ބެލެހެއްޓުން އޮންނަނީ ރަންވީރަށެވެ. ނަމަވެސް އޭނާ މަސައްކަތަށް ފަރުވާތެރި ނުވެ އުޅެނީ ޕާޓީ ކުރުމުގައެވެ. އާލިއާ ކުޅެނީ ބެންގާލީ އާއިލާއެއްގެ ކުއްޖެއްގެ ރޯލެވެ. ފިލްމުގައި އޭނާ ކުޅެނީ އޮޑިޓަރެއްގެ ރޯލެވެ. އޭނާއާ ރަންވީރު ފިލްމުގައި ދިމާވަނީވެސް ރަންވީރުގެ ވިޔަފާރި އޮޑިޓް ކުރުމަށް އެގެއަށް ދާން ޖެހޭ ހިސާބުންނެވެ.
ލީކު ކޮށްލާފައިވާ ވާހަކައިގެ މާބޮޑު ހަގީގަތެއް އަދި ނޭގެއެވެ. މިހާ ބޮޑު ފިލްމެއްގެ ޕްލޮޓް މިގޮތަށް އެކީ ލީކު ކޮށްފާނެ ކަމާމެދުވެސް ގިނަ ބަޔަކަށް ވަނީ ޝައްކު އުފެދިފައެވެ. މިއަހަރު ރިލީސްކުރި ރަންވީރު ކަޕޫރުގެ ފިލްމު "ތޫ ޖޫޓީ މޭ މައްކާރު" އާ މި ފިލްމު އެއްގޮތްވެދާނެ ކަމަށްވެސް ބައެއްމީހުން އަންދާޒާކުރެއެވެ.
ކޮންމެ އަކަސް ކަރަން ޖޯހަރު އަކީ ފެމިލީ ޑްރާމާ ފިލްމުތައް އުފެއްދުމަށް މަގްބޫލު ޑައިރެކްޓަރެކެވެ. އެހެންކަމުން އޭނާގެ ޖާދޫ މިފިލްމުން ބަލައިލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން