ވެއްޓުނު ފޯނު ހޯދަން ކޯރުން ފެން ހުސްކުރުމުން ޖޫރިމަނާކޮށްފިއެވެ.

އިންޑިއާގެ މެދުތެރޭ އަވަށެއްގައި ރާޖޭޝް ވިޝްވާސް ވަނީ އޭނާ ކޯރު ކައިރީގައި ސެލްފީއެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް ފޯނު ވެއްޓިފައިވުމާއެކު އެ ހޯދުމަށް ބުރަ މަސައްކަތެއް ކޮށްފައެވެ. އޭނާ ވަނީ ފޯނު ވެއްޓުނު ކޯރުގެ ތެރެއިން އެ ފޯނު ހޯދުމަށް ޕަމްޕު ޖަހައި، އެތައް މިލިއަން ލީޓަރުގެ ފެން ހިންދާފައެވެ.

ރާޖޭޝް ވަނީ އޭނާ އެފޯނު ނެގުމަށް މަޖުބޫރުވީ އޭގައި ސަރުކާރުގެ ސިއްރު ޑޭޓާތަކެއް ހުރުމުން ކަމަށް ބުނެފައެވެ.

އިންޑިއާ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ވަނީ އެއްވެސް ހުއްދައެއް ނެތި ކޯރުން ފެން ހުސްކުރުމުން ރާޖޭޝް ކުށްވެރިވާކަމަށް ބުނެ އޭނާ ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާގެ ގޮތުގައި 53,092 ރުޕީސް ދެއްކުމަށް ރާޖޭޝް އަށް ވަނީ އަންގާފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން ރާޖޭޝްގެ ފޯނު ހޯދުމަށް އޭނާ އެންމެ ފުރަތަމަ ވަނީ ޑައިވަރުން މެދުވެރިކޮށް ފޯނު ހޯދުމުގެ މަސައްކަތްކޮށްފައެވެ. އެކަން ނާކާމިޔާބު ވުމުން ޕަންޕު ޖަހައި ފެން ހިންދުމުގެ މަސައްކަތް ކުރީއެވެ.

ރާޖޭޝް ވަނީ އޭނާ އެ އަވަށުގެ ކަމާބެހޭ ފަރާތްތަކުން ހުއްދައަށް އެދުމުން އަނގަބަހުން ހުއްދަ ދިންކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ޕަމްޕު ޖަހައި ކޯރުން ފެން ހުސްކުރުމުން އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ އެތައް ބަޔަކަށް އެކަމުން ފައިދާ ވެފައިވާކަން ފާހަގަކޮށްފައެވެ.

ރާޖޭޝްގެ މަސައްކަތުން ފޯނު ފެނުނު ނަމަވެސް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވުމުގެ ސަބަބުން ފޯނުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.