ކައިވެނިކުރުމުގެ ފުރުސަތު ލިބޭނީ ހަ މަސް ދުވަސްވެފައިވާ ގައިދީންނާއި ބަންދު މީހުންނަށް ކަމަށް ކަނޑައަޅައި، އަލަށް އެކުލަވާލި، "ހުކުމް ތަންޒުކުރާ މީހުން ކައިވެނިކުރުމާ ބެހޭ ގަވައިދު" އަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ގެޒެޓުކުރި ގަވައިދުގައިވާ ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ ބަންދުގައި ތިބި (ޝަރީއަތް ނިމެންދެން ބަންދުގައި ތިބި) ދެ މީހުންނަށް ކައިވެނި ނުކުރެވޭނެއެވެ. އެ މީހުންނަށް ކައިވެނިކުރެވޭނީ އެތަނުން އެކަކު މިނިވަންވުމުން ނުވަތަ ބަންދުން ދޫކޮށްލުމުންނެވެ.
އުސޫލުގައިވާ ގޮތުން ގައިދީއަކާ ނުވަތަ ބަންދުކޮށްފައިވާ މީހަކާ (ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކާ) ކައިވެނިކުރުމަށް ކަރެކްޝަންސްއަަށް ސިޓީއެއް ހުށަހަޅަން ޖެހެއެވެ. އެ ސިޓީ އަންހެން މީހާ ހުށަހަޅާނަމަ ވަލީވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި ފިރިހެން މީހާ އެ ސިޓީ ހުށަހަޅާނަމަ ވަލީވެރިޔާގެ އިއުތިޒާރެއް ނެތްކަމުގެ ލިޔުން ކަރެކްޝަނަށް ހުށަހެޅުމުގެ ޒިންމާ އަންހެން މީހާ ނަގަން ޖެހޭނެއެވެ.
އުސޫލުގައިވާ ގޮތުގައި ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކައިވެނީގެ އިންތިޒާމު ހަމަޖެއްސުމަށް އެދި ކަރެކްޝަންސްއަށް ސިޓީ ހުށަހެޅުމުން ހަތް ދުވަހުގެ ތެރޭގައި ކައިވެނިކުރުމަށް ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި ގައިދީންނަށް ނުވަތަ ބަންދު މީހުންނަށް ކައިވެނީގެ ލިޔެކިޔުންތައް ފުރިހަމަކޮށްދިނުމުގައި ކަރެކްޝަންސް އިން އެހީތެރިކަން ފޯރުކޮށްދޭނެ ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގައިދީން ނުވަތަ ބަންދު މީހުންގެ ކައިވެނީގެ ހަރަދު ހަމަޖައްސަން ޖެހޭނީ އެ ފަރާތްތަކުން އަމިއްލައަށެވެ. އަދި ކައިވެނީގެ އިންތިޒާމުތައް ހަމަޖައްސުމަށް ހުއްދަ ދޭނީ ކޮމިޝަނާ އޮފް ޕްރިޒަންސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ކަމަށް އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން ގައިދީންނަށް ނުވަތަ ބަންދު މީހުންނަށް ކައިވެނި ކުރެވޭނީ ފެމިލީ ކޯޓުގައި ނުވަތަ އެ މީހެއް ބަންދުކޮށްފައިވާ ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.