އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތުގެ އިސްތިއުފާއަށް ގޮވާލައި، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، ޗާގޯސް މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅުނު ސިޔާސަތަކީ މޮރިޝަސްގެ ހުށަހެޅުމާ ދެކޮޅުހަދައި އިނގިރޭސި ވިލާތާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.
"އޭރު އޭގެ ނަތީޖާއެއްގެ ގޮތުން ޑިސްޕިއުޓް އުފެދިފައިވާ ސަރަހައްދަށް ބޭނުންއިރަކު، ބޭނުން ބަޔަކަށް ދެވޭ ހުރަހެއްނެތް، ބިރެއްނެތް،"
ނަމަވެސް އެދިމާލުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެންދިޔައިރު، ދިވެހި މަސްކަނޑުގެ ދިފާއުގައި އަދި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް ބަންޑާރަ ނާއިބު ވަކާލާތު ކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީން ލާޒިމުކުރޭ ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ މަންފާއާއި އާއްމު މިނިވަންކަަން ދިފާއު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް، ނަމަވެސް އެގޮތަށް ބަނޑާރަ ނާއިބު މަސައްކަތް ނުކުރެއްވީ ކީއްވެތޯ ސުވާލު އުފެދޭ،"
ޝަރީފް ވިދާޅުވީ، ޗާގޯސް މައްސަލައިގައި ރާއްޖޭން ކުރިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
"ރާއްޖޭގެ ގައުމީ މަސްލަހަތަށްވުރެން މޮރިޝަސްގެ މަސްލަހަތު އިސްކުރައްވައި ރާއްޖޭން، ކޮންޓިނެންޓަލް ޝެލްފު ބޮޑު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ހުރަސް އެޅޭގޮތަށް ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދޫކޮށްލަން ޖެހުނީ ކީއްވެތޯ ސުވާލު އުފެދޭ،"
އެ ބަދަލަކީ ގާނޫނުން ނޫން ގޮތަކަށް ބަންޑާރަ ނާއިބަށް ގެނެވޭނެ ބަދަލެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މަސްވެރިކަން ކުރާ ސަރަހައްދުން ބޮޑުބައެއް ގެއްލުމަކީ ރާއްޖެއަށް ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް، އެ ގެއްލުމުގެ ޒިންމާ އޭޖީއާއި ސަރުކާރުން ނަގަން ޖެހޭނެ، މަސްކަނޑުން ބައެއް ގެއްލޭގޮތަށް އެފަދަ ކަމެއް ކުރާއިރު މަޖިލީހުގެ ރައުޔެއް ނުހޯއްދެވީ ކީއްވެތޯ ސުވާލު އުފެދޭ،"
ބަންޑާރަނާއިބު އެކަން ދިފާއު ކުރެއްވުމަކީ ދިވެހިންގެ މޫނުމަތީގައި ތަފާލެއް ޖެހުންފަދަ ކަމެއް، ކަމަށްވެސް ވިދާޅުވިއެވެ.
ޗާގޯސް މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ސީޓީފުޅެއް ފޮނުވަން އުޅުއްވިކަން އެޓާނީޖެނެރަލް އަށް އެނގިވަޑައިގަންނަވާތޯ، ސުވާލު ކުރަން ޖެހޭ ކަމަށާއި، އެ ސިޓީ ނުފޮނުވުމަށް ލަފާ އެރުވިތޯ ސުވާލު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުން ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުމަށްފަހު ރައްޔިތުންނަށް އޮޅުވާލަމުން ބުނެފައިވަނީ ބޮޑުބައި ލިބުނީ ކަމަށް، މިއީ ބަންޑާރަ ނާއިބު ބައިވެރިވެގެން ހިންގި ބޮޑު ހިޔާނާތެއް ޖަރީމާއެއް،"
މީގެ އިތުރުން، "އެކިފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލުގެ ނަމުގައި ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ދޭން ބަންޑާރަ ނާއިބު ނިންމާފައިވާ ނިންމުމަކީ ކަންބޮޑުވާ ނިންމުމެއް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމާއި އަދުލުއިންސާފުގެ ނިޒާމު ގަޑުބަޑުކޮށް ސަރުކާރުން ބޭނުންވާ ގޮތަށް ކޯޓުތަކުން ހުކުމް ނެރުމަށް މަސައްކަތްކުރާ ކަމަށްވެސް ބަންޑާރަނާއިބަށް ތުހުމަތު ކުރެވޭ، އެހެންކަމުން ބަންޑާރަނާއިބުގެ، އިތުބާރު ވަނީ ގެއްލިފަ،"
އެހެންކަމުން ބަންޑާރަ ނާއިބުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ޝަރީފް ގޮވާލެއްވިއެވެ.