މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފައިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން އެގޮތަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން މިދިޔަ ހޯމަދުވަހު ދެއްކެވި ވާހަކަފުޅުތަކާ ގުޅުވައިގެންނެވެ. ނަޝީދު ވިދާޅުވެފައިވަނީ ވަނަމުން މީހުންނަށް ގޮވުމަކީ ކުރެވެން ޖެހޭ ކަމެއް ކަމަށާއި އަދި އެއީ ޑިމޮކްރަސީ ދަމަހައްޓަން މުހިންމު ކަމެއް ކަމަށެވެ.
"ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ރާގޮނޑި ރާޖާ މިނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަ އާއި އަދި އެހެންތަންތާނގައި އެކި ގޮތްގޮތަށް ކިޔައިފަ، މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ނަޝީދު ވިދާޅުވެފައިއެވެ.
ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަކު އަނެކަކަށް ހުތުރު ލަގަބުތަކުން ގޮވުން ވަނީ ގުރުއާނުގައި ނަހީކުރައްވާފައި ކަމަށެވެ.
"މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބު ތަކުން ގޮވުން މާތް ﷲ ވަނީ ނަހީ ކުރައްވާފައި. އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބައްލަވާ!" މައުމޫން ވިދާޅުވިއެވެ،
ނަޝީދު ދެއްކެވި އެ ވާހަކަފުޅުތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މަނިކުފާނަށް ފާޑުކިޔަމުންނެވެ. އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ވެސް ވަނީ ނަޝީދަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެ ޕާޓީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެކަކު އަނެކަކަށް ހުތުރު ބަހުން ގޮވުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫން ކަމަށެވެ.
ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެ ކަމަށާއި ޑިމޮކްރަސީ އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެހެން މީހުންގެ އަނބުރަށް އަރައި ނުގަނެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު