ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އާބަންކޯއިން، އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ) އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއެވެ. އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލްއެވެ.

އައިސީއޭއަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ސީރިއާ އަދި އެފްރިކާ ގައުމުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އާބަންކޯއިން ބުނީ އެމްއޯޔޫގެ ދަށުން އައިއޭސީގެ މައިގަނޑު މަސައްކަތަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެތަންތަނަށް ބޭނުންވާ އެހީ، އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށެވެ.

އެމްއޯޔޫގެ ދަށުން އާބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، އައިއޭސީއިން އައިޑެންޓިފައި ކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އާބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.

"އެގޮތުން ވިލެޖް ނުވަތަ ނެއިބާހުޑް މާސްޓާޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އާބަންކޯގެ ދަށުން. މީގެ އިތުރަށް އާބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ،" އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރި އެ އެމްއޯޔޫއަކީ އާބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެންމެނަށް ވެސް ރައްކާތެރި، އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރެއްވުނު އެމްއޯޔޫއެއް ކަމަށެވެ.