އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ތަނުގައި އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީގެ ހަރުގެ ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީގެ މައިގެ ހަރުގެ ހިންގަމުން ދިޔައީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޝަފިއްޔާ ޒުބޭރުގެ ގޯތީގައެވެ. އެމްޑީޕީއަށް ހަރުގެ ހިންގަން ދީފައިވާ މުއްދަތު ހަމަވުމުން އެތަން ހުސްކުރަން ޝަފިއްޔާ، އެމްޑީޕީއަށް އެންގުމުން، އެމްޑީޕީން ވަނީ އެތަން ހުސްނުކޮށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލައިގެ އަމުރު އައިސްފައިވަނީ އެމްޑީޕީއަށް ދެކޮޅަށެވެ. އެހެންވެ ޝަފިއްޔާ މިއަދު ވަނީ އެމްޑީޕީ ހަރުގެ ހުސްކުރުމުގެ މަސައްކަތް ފަށައިފައެވެ.

ހަރުގޭގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް ޝަފިއްޔާ ބުނީ އެތަން ހުސްކުރަން އަންގައި އެމްޑީޕީއަށް މާޗު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވުމުން، އޭގެ ޖަވާބުގައި އެމްޑީޕީން ބުނެފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެތަނުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށްވުމުން އިތުރަށް ހަރުގޭގައި މަޑު ނުކުރެވޭނެކަން އެންގި ކަމަށް ޝަފިއްޔާ ބުންޏެވެ.

އެމްޑީޕީއަށް ގޯތި ކުއްޔަށް ދޫކުރީ އެ ޕާޓީން ސިޔާސީ ހަރަކާތް ހިންގަން މާލޭގައި އެއްވާނެ ތަނެއް ނެތިފައި ވަނިކޮށް ކަމަށް ޝަފިއްޔާ ވިދާޅުވިއެވެ.

"މިތާ ތިއްބަވަން ބޭނުންވަނީ ކީއްކުރަންތޯ ދެންނެވުމުން އެ ބޭފުޅުން (އެމްޑީޕީ)ން ބުނީ ތިމަންނަ މެންނަށް ތަނެއް ނުލިބިގެންނޭ. އެ ކީއްވެގެންތޯ ތަނެއް ނުލިބެނީމަ ބުނީމަ ވިދާޅުވީ އަގުބޮޑުކަމުންނޭ ތަންތަން. ކިހައިވަރަކަށްތޯ އޭ ހުރީ ތަންތަން އެހުމުން ބުނީ 150،000 އާއި 200،000، 180،000. އެކަމަކު މިވީ 2018 އިން ފެށިގެން މިތަނުގެ (ހަރުގެ) ކުއްޔަކީ 60،000. މިއީ ބޮޑު މަގެއްގައި ހުރި ގޯއްޗެއް. 3،600 އަކަފޫޓުގެ ބިމުގެ ކުލި އަހަރަކު އެންމެ ފަހަރުވެސް އަޅުގަނޑުމެން ބޮޑު ނުކުރަން. އެއީ ފަސް އަހަރު. މިތަނުގެ ކުޑަ ކުއްޔަކަށް ހުންނަވަން އެބޭފުޅުން އެދިވަޑައިގަތީ،" ޝަފިއްޔާ ބުންޏެވެ.

ޝަފިއްޔާ ބުމީ އޭނާގެ ގޯތި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު ވިޔަފާރިވެރިއަކަށް 60،000 ރުފިޔާއަށް ވުރެ ބޮޑުކޮށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. ޝަފިއްޔާ ބުނީ އޭނާ ގޯތި ކުއްޔަށް ދޫކުރީ ވިޔަފާރި ބޭނުމަށް ކަމަށާއި އެތަން އެއްވެސް ސިޔާސީ ޕާޓީއަކަށް ކުއްޔަށް ދޫކޮށްފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ދަ ޑިމޮކްރަޓިސްއަކަށް ކުއްޔަށް ދީފައެއް ނުވާނެ. ދަ ޑިމޮކްރަޓްސް ސެކްރެޓަރީ ހިންގަމުންދަނީ ގަލޮޅު، ބޮޑުފެންވަޅުގޭގަ. އަޅުގަނޑު ޑިމޮކްރެޓްސްއާ އެކު އެއްވެސް އެގްރީމެންޓެއް ކޮށްފައެއް ނުވާނެ" ޝަފިއްޔާ ބުންޏެވެ.

އެ ތަނުގައި 15 ބުރީގެ އިމާރާތެއް އަޅަން ޕްލޭނިން މިނިސްޓްރީން ހުއްދަދީފައިވާ ކަމަށެވެ. އެކަން ކޮށްދޭނެ އިންވެސްޓަރުން ލިބުނު ނަމަވެސް އެމްޑީޕީގެ ހަރުގެ ހިންގި ބިމަށްވުމުން އިންވެސްޓަރުން ޖެހިލުންވާ ކަމަށް ޝަފިއްޔާ ބުންޏެވެ.

އޭނާއަށް ގޯތީގައި އިމާރަތް ނުކުރެވުމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ބުންޏެވެ.