ޚަބަރު

އަސްލަމް، އީވާއަށް: މީހުނަށް ވަނަމުން ގޮވައި އަބުރަށް އަރައިގަތުމަކީ ސިޔާސީ އުކުޅެއްނޫން

އިބްރާހިމް ޒަކީ

މީހުންނަށް ވަގަށް ގޮވައި، މީހުންނަށް ވަނަމުން ގޮވައި މީހުންގެ އަބުރަށް އަރައި ގަތުމަކީ ސިޔާސީ އުކުޅެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އަށް ރައްދު ދެއްވައިފިއެވެ.

ލަވަ އާއި މިއުޒިކް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަގު ތުހުމަތުކޮށް، ޗެނަލް 13 އިން ހިޔާލު ފާޅުކުރަމުންދާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން ބަލަން ނިންމުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމުން އީވާ ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ.

އީވާ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ސިޔާސީ އެއް ހަރަކާތަކީ ވެރިންނަށް ފާޑުކިއުން ކަމަށެވެ. އެއީ އެމީހުންގެ ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށްވެސް ވިދާޅުވިއެވެ.

"ޗޯރު އިބުރޭ ޗޯރު އިބުރޭ މިހެން ރައީސުލްޖުމްހޫރިޔާއަށް ގޮވާލީއޭ ކިޔައިފަ ބޮޑުސިންގާހާ ޓީވީ ސްޓޭޝަނެއް މި ސެންސަރުކުރަނީ، އަޅުގަނޑުމެންނަކީ 30 އަހަރުގެ ވެރިކަމެއް ބޮޑުސިންގާހާ ޝެހެންޝާހެއްގެ ވެރިކަމެއް، ގޮޅާބޯ، ގޮޅާބޯ، ގޮޅާބޯ ކީކީނުންގޮސް އޮފް ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް،"

ރައީސް ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވި މައްސަލައަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ، ބަގާވާތުން އަރައިގަތީ "އެބޭސިޑިން ވެއްޓިދާނެ،" އެ ލަވަ ކިޔައިގެން ކަމަށެވެ. އެއީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދެން ވެރިކަން ހަވާލު ކުރެއްވި ރައީސް ނަޝީދުގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި، ރައީސް ވަހީދަށް ނިސްބަތް ކޮށް އެމްޑީޕީން ހަދައިގެން އެ ޕާޓީގެ ހަރަކާތްތަކުގައި ޖަހަމުން އައި ލަވައެކެވެ.

އެއަށްފަހު އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން ރައީސް ނަޝީދާ ދިމާލަށް ގޮވިހާ އެއްޗެހި، އަދި ރައީސް ޔާމީނާ ދިމާލަށް އަޅުގަނޑުމެން އެކި ތަންތަނުގައި ގޮވިހާ އެއްޗެހި، އެއީ އަޅުގަނޑުމެން ބޭނުންކުރާ ސިޔާސީ އުކުޅެއް، އެ ހުރިހާ ކަންކަމަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ، ޗެނަލް 13 އެއް އަޅުގަނޑެއް ނުބަލަން އަޅުގަނޑަކަށް ބަލާކަށް ނުކެރޭ އޭގެން ދައްކާ ވާހަކަތަކަކާ އަޅުގަނޑަކު އެއްބަހެއް ނޫން، އެކަމަކު ޗޯރު އިބުރޭ ޗޯރު އިބުރޭ ޗޯރު އިބުރޭ އެމީހުން ގޮވަން ބޭނުމިއްޔާ އެމީހުން ގޮވުމަކީ އެމީހުންގެ ހައްގެއް،"

އީވާ ވިދާޅުވީ، އެގޮތަށް މީހުންގެ ބޮލުގައި ކަންކަން އެޅުވުމާއި އެކި ނަންނަމުން ގޮވުމަކީ ޑިމޮކްރަސީގެ ތެރެއިން ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވުމަކީ ޑިމޮކްރަސީ ފަހަތަަށް ދިއުން ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ 2008 ގެ ޑިމޮކްރެޓިކް ގެއިންސްގެ ތެރެއިން އަޅުގަނޑުމެންނަށް ހޯދުނު އެންމެ ބޮޑު އެއް ކީ އެޗީވްމަންޓް މި އަނބުރާ ފަހަތަށް ދާތަން ބަލާކަށް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ، އެއީ ދިވެހި ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް، މީޑިއާގެ މިނިވަންކަން ގެއްލިގެން ދިއުން،"

އީވާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ، މީހުންގެ އަބުރަށް އަރައިގަނެ، ހިތުހުރި އެއްޗެއް ގޮވައި ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އަސްލަމް ވިދާޅުވީ ޑިމޮކްރަސީއަކީ މީހަކު ހިތުހުރި އެއްޗެއް ކިޔައި، ދޮގު މައުލޫމާތު ފެތުރުން ނޫންކަމަށެވެ. އެމްޑީޕީއަކީ ޑިމޮކްރަސީއަށް ތަބާވާ، ޑިމޮކްރަސީގެ ހަމަތަކުން މަސައްކަތްކުރާ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

"ޑިމޮކްރަސީ ދަންނަ އެއްޗެއްނޫން ދޮގު މައުލޫމާތު ފެތުރުމަކީ، ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން، މިސް އިންފޮމޭޝަނާއި، މިސް އިންފޮމޭޝަނުން ފިތުނަ ފަސާދަ އުފެއްދުމަކީ. ޑިމޮކްރަސީ ދަންނަ އެއްޗެއްނޫން މީހުންގެ އަބުރު ކަތިލުމަކީ. އެހެންކަމުން ޑިމޮކްރަޓިކް ވެއްޓެއްގައި އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަމަތަކުގައި."

އަސްލަމް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާފަދަ އެއްވެސް ކަމަކީ ތަރުހީބު ދޭނެ ކަމެއްނޫން ކަމަށެވެ.

ނަމަވެސް ޗެނަލް 13 ގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވީ އެއީ ކުއްލި މައްސަލައަކަށް ނުވާތީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުއްލި މައްސަލަތަކަކީ ކުއްލިއަކަށް ހިނގާ ކަންތައްތައް ކަމަށާއި، އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލިސް ރައީސް އެޖެންޑާ ކުރެއްވިނަމަވެސް، އެނޫންގޮތަކަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެ އުސޫލުތައް މަޖިލީހުގައި ހިމެނޭކަމަށެވެ.

އެގޮތުން ގަރާރެއްގެ ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅިދާނެ ކަމަށާއި، ކަމާބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅިދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.