Close
ވިޔަފާރި

ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ލިބިފައިވާ ކަމަށް ބުނެވުނީ އޮޅުމަކުން: ބިއޯންޑް

މުހައްމަދު އިޝާން

ބިއޯންޑް އެއާލައިނަށް ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ލިބިފައިވާ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ބިއޯންޑުގެ ސީއީއޯ ޓޭރޯ ޓްސްކިލާ، ސީއެންއެންގެ ވިޔަފާރި ޝޯ "ކުއެސްޓް މީންސް ބިޒްނަސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މޯލްޑިވިއަންގެ ބަދަލުގައި ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ބިއޯންޑަށް ލިބިފައިވާ ކަމަށެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން ޓުވިޓާގައި ވަރަށް ގިނަބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

އެކަމާ ގުޅިގެން ބިއޯންޑް އެއާލައިނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބިއޯންޑަށް ގައުމީ އެއާލައިންގެ ދަރަޖަ ލިބިފައިވާ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި ރާއްޖޭގެ ގައުމީ އެއާލައިނަކީ މޯލްޑިވިއަން ކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ހޯދުމަށް މަސައްކަތް ކުރަމުންނުދާ ކަމަށާއި އެ އެއާލައިންގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމަށް ތިޔާގިކަން ގެނެސްދީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރާއްޖެއާ ދުރު ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުކުރުން ކަމަށް ބިއޯންޑުން ބުންޏެވެ.

ބިއޯންޑަކީ ރާއްޖެއިން އޮޕަރޭޓް ކުރާ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިނެވެ. މިއަހަރުގެ ތެރޭގައި ބިއޯންޑުގެ ހިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.