ޚަބަރު

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޒަރީރަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 21 އަހަރާއި 22 އަހަރުގެ މީހެކެވެ.

އެ ދެ މީހުންގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދިނީ 15 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ގްރޫޕަކުން މެންބަރު ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ.