ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން 40.4 މިލިއަން ރުފިޔާއަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން ހެދި މި ބަނދަރު ރައީސް މިއަދު ހުޅުއްވައިދެއްވީ، ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ދަރަނބޫދުއަށް ވަޑައިގަތުމުން އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާބާދީއަށް ބަލައިގެން ރަށްރަށް ތަރައްގީކުރުމުގެ ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެމުން އައި ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ އާބާދީއަށް ބެލުމެއްނެތި، އެއްވެސް ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދަރަނބޫދުއަށް ވަޑައިގަތުމުން، ބަނދަރު އޮތްގޮތުން ކުރައްވަން ޖެހިވަޑައިގެން އަމިއްލަފުޅު ތަޖުރިބާ މި ޖަލްސާގައި އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަޅުގަނޑަށް މި ރަށަށް އާދެވުނު، އެއީ ދެނަމާދު ދޭތެރޭގައި، އެއީ ވިއްސާރަ ދުވަހެއް ވަރަށް ކަނޑުގަދަ ދުވަހެއް، މި ރަށަށް ވަންނަން އަޅުގަނޑުމެން ބޭރުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު މަޑުކުރަން ޖެހުނު ކަނޑު ގަދަވެގެން ނުވަދެވިގެން، އެހެންނަމަވެސް މި ރަށުގެ ރައްޔިތުން އެ ދުވަހުވެސް ބަނދަރުމަތީގައި މަޑުކޮށްގެން ތިބި،" އެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދުވަހުވެސް ދަރަނބޫދޫ ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމަކަށް ވެފައި އޮތީ ބަނދަރު ހަދައިދިނުން ކަމަށެވެ.

"އެ ވިއްސާރައިގައި އަޅުގަނޑުމެން މި ރަށަށް ފައިބައި ރައްޔިތުންނާ ބައްދަލުކޮށް އަޅުގަނޑުމެންގެ ހުށަހެޅުންތައް ރައްޔިތުންނަށް ހުށަހެޅިން. ބޭނުންވެފައި ހުރި ކަންތަކުގެ ވާހަކަ ރައްޔިތުންވެސް އަޅުގަނޑުމެންނާ ހިއްސާކުރި. އެންމެ ކަންބޮޑުވާ ކަމަކަށް އެ ދުވަހުވެސް ހުށަހެޅީ ބަނދަރުގެ ވާހަކަ،"

ދަރަނބޫދޫގައި މިހާތަނަށް އޮތް ބަނދަރަކީ 2007 ވަނަ އަހަރު ހެދި ބަނދަރެކެވެ.

ދަރަނބޫދޫ ބަނދަރު ހެދުމަށް މި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކޮށް, ބޭރުތޮއްޓަކާއި އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. މީގެ އިތުރުން 140 މީޓަރުގެ ރިވެޓްމަންޓް ޖަހައި, ގްރޮއިން ޖެހުމާއި 2641 އަކަމީޓަރުގެ ސަރަހައްދެއްގެ ހާބާ ޕޭވްމަންޓު ހެދުމާއި 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ބުރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.