Close
ޚަބަރު

އަމާޒަކީ އައިޔޫއެމްއަކީ ދީނުގެ ސައްހަ އަގީދާ ފަތުރާ މި ސަރަހައްދުގެ އެންމެ ބޮޑު މަރުކަޒަށް ހެދުން: ރައީސް

މުހައްމަދު އިޝާން

ސަރުކާރުގެ އަމާޒަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަކީ ދީނުގެ ސައްހަ އަގީދާ ފަތުރާ މި ސަރަހައްދުގެ އެންމެ ބޮޑު މަރުކަޒަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަސިޓީގެ މިއަހަރުގެ ދަސްވެނިމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ރޭ ވިދާޅުވީ އިސްލާމީ ޔުނިވަސިޓީއަކީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ރަމްޒުކޮށްދޭ އަދި ރާއްޖޭގައި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފެތުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ޔުނިވަސިޓީ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީއަށް އަދި އެންމެ 8 އަހަރު ވިޔަސް، އެ ޔުނިވަސިޓީގެ ހަގީގީ މަސައްކަތް ފެށިފައިވަނީ މީގެ 43 އަހަރު ކުރިން ކަމަށާއި އެ ފެށުމަކީ އިސްލާމީ އަރަބި ތައުލީމު ފެތުރުމަށް ހުޅުވި މައުހަދުއް ދިރާސާތުލް އިސްލާމިއްޔާ، މައުހަދު ކުއްލިއްޔާ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ހުޅުވުމުން ދީނީ އިލްމުވެރިން ގޮވާލީ އިސްލާމީ ތައުލީމީ އުނގަންނައިދޭ ޔުނިވަސިޓީއެއް ހުޅުވުމަށް ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުގެ ސިޔާސަތުގައި ދެވަނަ ޔުނިވަސިޓީއެއް ހުޅުވުން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ، މި ސަރަހައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުން،" ރައީސް ވިދާޅުވިއެވެ.

އޭރުގެ ސަރުކާރުގެ ސިޔާސަތުގައި ދެވަނަ ޔުނިވަސިޓީއެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ މަޖިލީހަށް ބިލެއް ހުށަހެޅުއްވި ކަމަށާއި އޭރު އެ މަނިކުފާނަކީވެސް މަޖިލިސް މެންބަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަފްރާޝީމް ހުށަހެޅުއްވި ބިލު ދެ އަހަރެއްހާ ދުވަހަށް ބާއްވާފައި އޮތުމަށްފަހު، ބަހުސް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ ކޮމިޓީގެ މުގައްރިރަކީ އެމަނިކުފާނު ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކޮމިޓީން އެ ބިލު ފާސްކޮށް، ތަޅުމަށް ފޮނޮވުމުން، މަޖިލީހުން އެ ބިލު ފާސްކޮށް ގާނޫނަކަށް ހެދިކަމަށެވެ.

ރައީސް އެ ވިދާޅުވާ ގާނޫނަކީ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ގާނޫނު" އެވެ.

އިސްލާމިކް ޔުނިވަސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމުގެ ވަރަށް މަތީ ޒިންމާއެއް ހަވާލުވެފައިވާ ފަރުދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމަށް އިސްލާމިކް ޔުނިވަސިޓީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ކަމަށާއި، ރާއްޖޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއެކު، އިސްލާމިކް ޔުނިވާސިޓީން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.