Close
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޮޑުކުރި އެލަވަންސް އަންނަ މަހުން ފެށިގެން ލިބިގެންދާނެ: ރައީސް

މުހައްމަދު އިޝާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޮޑުކުރި އެލަވަންސް އަންނަ މަހުން ފެށިގެން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހުން ފެށިގެން އެ ފަރާތްތަކުގެ އެލެވަންސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އިސްލާމީ ޔުނިވާސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވަނީ ގިނަ ދާއިރާތަކެއްގެ މުސާރައަށާއި އެލަވަންސަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޖޫން މަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ދޭން ފަށާނެ ކަމަށެވެ.

"އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން ދޭން ނިންމި އެލަވަންސް، އިރާދަކުރެއްވިއްޔާ، އެ އިއުލާނުކުރި ގޮތަށް، ޖޫން މަހުގެ ތެރޭގައި ދޭން ފަށާނެ ވާހަކަވެސް އަޅުގަނޑު އުފަލާއެކުގައި މިރޭ އިއުލާނުކުރަން،" ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެއީ މާ ކުޑަ މިންވަރެއް ކަމަށް ބުނެ، އެ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް، ލޯފަން މީހުންނާއެކު ރައީސް ސޯލިހު 2021 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމެއްގައި އެމީހުންގެ ފަރާތުން ވެސް ވަނީ ރައީސް ސޯލިހަށް ދަންނަވައިފައެވެ.