Close
ޚަބަރު

އިމާމުންގެ މުސާރައާއި ޗުއްޓީއަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް ގެންނާނަން: ރައީސް

މުހައްމަދު އިޝާން

އިމާމުންގެ މުސާރައާއި ޗުއްޓީއަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިސްލާމީ ޔުނިވާސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ އިމާމުންނަކީ އެހެން ވަޒީފަތަކާ ހިލާފަށް ޗުއްޓީއެއް ނެތި އަދި އިތުރުގަޑީގެ މަސައްކަތް ނެތި ހަފުތާގެ ކޮންމެ ދުވަހު މަސައްކަތްކުރަމުން އަންނަ ބައެއް ކަމަށެވެ.

"އިމާމުންނަކީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ހިލާފަށް، ހަފުތާގެ ހަތް ދުވަހު ޗުއްޓީއެއް ނެތި، އޯވަޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް. ހިދުމަތްތެރިންތަކެއް އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޖުތަމައަށް ހިދުމަތްކުރާ މީހުންގެ އަގުވަޒަންކޮށް، މުޖުތަމައުގައި އެމީހުންގެ މަގާމު މަތިވެރިކޮށް ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެގޮތުން މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަކީ ވައުދުގެ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ވައުދު ފުއްދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން، މި ޔުނިވާސިޓީން ފެށީ 2020 ވަނަ އަހަރު. އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭ 78 އިމާމުން އެބަ ދަސްވެނިވޭ. މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް ބޮޑު އުފަލެއް. އަދި އޭގެ އިތުރުން، މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިހުސާސް ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

އެފަދަ ދާއިރާތަކުން ތައުލީމު ފޯރުކޮށްދިނުމުން ދީނީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި އަހުލާގީ ގޮތުން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އޭގެ ތެރެއިންވެސް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތައް މަދުވުމަށް މަގު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.