ޚަބަރު

ގަމު ހޮސްޕިޓަލުގެ އިންޗާޖަށް ހަމަލާ ދިން މައްސަލާގައި ވަކިކުރި ޑޮކްޓަރަށް 30،990 ރުފިޔާ ދޭން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ދެބަސްވުމެއްގެ ތެރެއިން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިންޗާޖް، އެ ހޮސްޕިޓަލުގެ އެސިސްޓަންޓް ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަހުމަދު އާދިލްއަށް ހަަމަލާދިން މައްސަލައިގައި އެ ހޮސްޕިޓަލުން ވަކިކުރި މިސްރުގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. ވައެލް އިބްރާހިމް އަވާދް އެލްގެޒަރޫ އަށް 30،990 ރުފިޔާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ގަން ރީޖަނަލް ހޮސްޕިޓަލްގެ އެކްސްރޭ ރޫމް ތެރެއަށް ޑރ. ވައެލް ވަދެ، ހޮސްޕިޓަލުގެ ރޭޑިއޮލޮޖިސްޓް ސޯނީ މޯލް ޕޮންނަޗަންއާ ޒުވާބުކޮށް އަޑުގަދަކުރަން ފެށުމުން އޯޕީޑީ އިންޗާޖު އެތަނަށް ގޮސް އަޑުގަދަ ނުކުރުމަށް ބުނުމުން އޭނާގެ ފައިންނާއި އަތުން ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެން އިތުރު ނޯޓިސްއެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ޑރ. ވައެލް އެދިފައިވަނީ އެ ހޮސްޕިޓަލުގައި އޭނާ އަދާކުރަމުންދިޔަ ކޮންސަލްޓެންޓް އިން ސާޖަންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ނިގުޅައިގެންފައިވާ ވަޒީފާ އަނބުރާ ލިބިދިނުމަށް ސިވިލް ސާވިސްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އޭގެ އިތުރުން ވަޒީފާ މެދުކެނޑިފައިވާ މުއްދަތުގައިވާ ދުވަސްތަކަށް ލިބެންޖެހޭ މުސާރައާއި އެލަވަންސް އުނިކުރުމެއް ނެތި ލިބިދިނުމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ހައްގު ހޯދުމަށް ކުރަން ޖެހުނު ކަންކަމުގެ ގާނޫނީ މަސައްކަތުގެ ފީއަށްވާ ފައިސާ ލިބިދިނުމަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހު ކަމަށްވާތ،ީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫއަކޮށް ވަޒީފާ މެދުކެނޑިފައިވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދެވޭނެ ހަމައެއް ނެތް ކަމަށެވެ.

ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށްވާތ،ީ ވަޒީފާއާބެހޭ ގާނޫނަށް ރިއާޔަތްކޮށް ބަދަލެއްގެ ގޮތުގައި ޑރ. ވައެލް އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަދާކުރަމުންދިޔަ ވަޒީފާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 30،990 ރުފިޔާގެ، އެއް މަސް ދުވަހުގެ މުސާރަ ނަގައިދިނުމަށް ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި އެ ފައިސާ އޭނާއަށް ދިނުމަށްފަހު، ތިން ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.