ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީގެ ބައެއް މެންބަރުން ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެއްޓުމުން އޭގެ ތެެރެއިން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަން އިއްވުމަށްފަހު އޭނާ ޖަލްސާއިން ނުކުންނަ ވަންދެން މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަަޅި ނިމި ދެވަނަ ދަންފަޅި ފެށީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި 6 މެއި 2021ގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގެން ދިން ހަމަލާއެއް ކަަމަށާއި ރައީސް ސޯލިހު ބައިވެރިވެވަޑައިގެން މި ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށް ފިކުރުމުގެ ދިރުމުގެ މެންބަރުން ގެންދެވީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.
އޭގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ވާހަކައިގައި، މިފްކޯއިން 1000 މެޓްރިކް ޓަނުގެ މަސް ވަގަށް ނަގާފައި ކަމަށާއި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ. އަދި މިއީ ރައިސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ސަރުކާރެއް ކަމަށާއި އޭގެ އަޑީގައި ހުންނެވީ ރައީސްކަން މިއަދު ސާފުވެއްޖެ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.
"މިތަނުގައި ރައީސުލްޖުމްހޫރިއްޔާ ވަކި ބޭފުޅަކު މަރާލަން ބޮން ގޮއްވީއޭ ވިދާޅުވާއިރު ރިޔާސަތުން ތި އިންނަވަނީ ނުހުއްޓުވައި، އެއީ ހަމަ މި ތަނުގައި ދެއްކޭނެ ވާހަކަތޯ، ނުދެއްކޭނެ އެ ވާހަކައެއް. އިސްލާމް ދީނުގެ އަސްލާވެސް ހިލާފު ވާހަކައެއް، ކަނޑައެޅިގެން މީހަކު މަރާލަން އުޅުނު ކަމަށް މިތާކު އެއްވެސް މެންބަރަކަށް ވަކި މީހަކާ ދިމާލަކަށް ނުބުނެވޭނެ،" ރޮޒައިނާ ވިދާޅުވިއެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވިދާޅުވީ އެއީ ރޮޒައިނާއަށް ފެނިވަޑައިގަންނަވާ ގޮތް ކަމަށެވެ.
އެއަށްފަހު ރިޔާސަތުން އަނެއްކާވެސް ބޮންޑޭއަށް ފުރުސަތު ދެއްވިއެވެ. އެ ހިސާބުން ބޮންޑޭއާ ރޮޒެއިނާ އެއް މެންބަރަކު އަނެއް މެންބަރަކަށް ރައްދުދެއްވައި އަޑުގަދަކުރަން ފެއްޓެވިއެވެ. އޭގެ ތެރެއިން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އަފީފު ރޮޒައިނާއަށް އެންގެވުމުން، ރޮޒެއިނާ ހިމެނޭ ގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތުން ފުރަތަމަ ގަވާއިދަށް ހުރުމަތްތެރިކަން ހިތުމަށް ގޮވާލައިފައެވެ.
އެ ހިސާބުން މަޖިލިސް ތަޅުން ހޫނުވެ، އެމްޑީޕީގެ މެންބަރުން ވާހަކަދައްކަން ލިބުނު ހުރިހާ ފުރުސަތުތަކެއް ރިޔާސަތުގައި އިންނެވި ހަސަން އަފީފަށް އަމާޒު ކުރެއްވިއެވެ.
އެގޮތުން އިހަވަންދޫ މުހައްމަދު ޝިފާޒު ވިދާޅުވީ، މަޖިލީހުގައި އަމަލުކުރަންޖެހޭ ގަވާއިދެއް އޮންނަ ކަމަށާއި އެކި ފަރާތްތަކުން އަމަލު ކުރަންޖެހޭ ގާނޫނުތަކެއް އޮންނަ ކަމަށާއި އެ ހުރިހާ އެއްޗެއްގެ މައްޗަށް ގާނޫނުއަސާސީ ހެދިފައި އޮންނަ ކަމަށެވެ.
ރިޔާސަތުގައި އިންނެވި އަފީފަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ހެދުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކަށްވާއިރު، ރިޔާސަތުގައި އިންނަވަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި އެކަން އަފީފަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ހަމަ ގޮނޑިއެއް ދެއްކީމަ އެ ގޮނޑިއަށް އަރައި އިނުމަކީ ހަމައާ އުސޫލެއް ނޫން، ރަނގަޅަށް އެނގިވަޑައިގަންނަަވަން ޖެހޭނެ ގާނޫނުއަސާސީގައާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ތަރުތީބު އޮތީ ކިހިނެއްކަން، ހުދު މަނިކުފާނަށް އެނގިވަޑައިގަންނަވާ މި މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮވަން ފުރަތަމަ ބޭއްވި ޖަލްސާގައި ތިމަން މަނިކުފާނަކަށް ނުލިބޭކަން ތި ގޮނޑީގައި އިންނަން ޖާގައެއް، އޭގެ މައްޗަށް ބަޔަކު އެބަ ތިބިކަން ހަމަ މީހަކު ގޮނޑިއަށް އަރާށޭ ބުނީމަ އަރައި އިނުމަކީ ހަމައެއް އިންސާފުގެ އުސޫލެއް ނޫން، ބަޔަކު ތަނަކަށް އަރާށޭ ބުނީމަ ވިސްނާލަންވާނެ ތިމަންނާއަށް މި އެރެނީ ހެޔޮވަރު ގޮނޑިއެއްތޯ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން އެރޭ ގޮނޑިއަކަށްތޯ ވިސްނާލަންވާނެ،" ޝިފާޒު ވިދާޅުވިއެވެ.
މެންބަރު ސަނީފު ވިދާޅުވީ، "މަނިކުފާނު ތި އިންނެވީ، މަކުނެއް، ރާމާމަކުނެއް ސައްކެޔޮ ގަހަށް އަރާ އިންނަހެން މިއަދު ތި ގޮނޑިއަށް އަރާ، މަނިކުފާނަށް އެނގޭތޯ،" ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، "މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ނީންނަވަނީ ކަމަށްވާ ނަމަ، ނީންނަވަން ޖެހެނީ ރަނގަޅު ގަބޫލުކުރެވޭ އުޒުރަކާ އެކު، މަޖިލީހުގެ ކުޑަދޮށުގައި އަނގަތަޅަން ތިއްބަވާފައި، އެހެން ބޭފުޅަކު ރިޔާސަތަށް ފޮނުއްވީމައި، މަޖިލީހުގެ މެންބަރުން އެ ވަހާކަ ފާހަގަކުރައްވާ،" ކަމަށެވެ.
އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އަފީފު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް އަފީފާ ރިޔާސަތު ހަވާލުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
މަޖިލިސް ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދޭ ހާލަތަކަށް އަންނަ ހިނދެއްްގައި، ރިޔާސަތު ބަލަހައްޓަވާނީ، އެ ހާލަތުގައި ރިޔާސަތު ބަލަހައްޓަވަން ހަމަޖައްސާފައިވާ މެންބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތަރުތީބުން ކަމަށެވެ.
އެގޮތަށް މެންބަރަކު މަޖިލީހުގެ ރިޔާސަތާ ހަވާލުވަނީ ޖަލްސާއެއް ފެށޭއިރު ކަމުގައިވާނަމަ، ސަބަބު ބަޔާންކޮށް މަޖިލީހުގެ އަމީން އާއްމު އެކަން ޖަލްސާއަށް އިއުލާން ކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޖަލްސާގެ ބައެއްގައި މެންބަރަކު ރިޔާސަތާ ހަވާލުވާ ނަމަ އެ ވަގުތު ރިޔާސަތުގައި އިންނަ ފަރާތެއް އެ ޖަލްސާގެ އެބައިގައި ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ސަބަބު ބަޔާންކޮށް، އެކަން ޖަލްސާއަށް އިއުލާން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖްލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑަޅާފައި ތިއްބަވާ ފަސް މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުއާއި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމުގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.
މި ފަސް މެންބަރުންނަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ މެންބަރުންނެވެ.
މި މައްސަލައަކީ ދޭތެރެ ދޭތެެރެިން މެންބަރުން ނަގަމުން އަންނަ މައްސަލަކަމަށް މިހާތަނަށް އެގޮތށް އަމަލު ކޮށްފައެއްްނުވެއެވެ.
މި ކަމާގުޅިގެން މިއަދުގެ ޖަލްސާވެސް ހޫނުވެ އެމްޑީޕީ ބައެއް މެންބަރުން ރިޔާސަތުގެ ކުރިމައްޗަށް އެއްވެސ، އަފީފު ރިޔާސަތުން ފޭބުމަށް ގޮވާލައި އިހުތިޛާޖު ކުރިއެވެ.
އެންމެފަހުން ފަލާހުގެ ނަން އިއްވައި އޭނާ ޖަލްސާއިން ނިކުތުމަށް ޖަލްސާ މެދުކަނޑައިލިއެއވެ. ކުޑައިރުކޮޅެއްފަހުން ޖަލްސާ ފެށި ނަމަވެސް ފަޅާހު ޖަލްސާއިން ނުނިކުންނެވުމުން އަފީފުވަނީ މަޖިލީުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު