Close
ޚަބަރު

ދުނިޔޭގެ އެންމެ ރީތި ތިން ގޮނޑުދޮށް އޮތީ އޮސްޓްރޭލިޔާ، ސީޝެލްސް އަދި ފިލިފީންސްގައި ކަމަށް ނިންމައިފި

ސަން ކެއާ ބްރޭންޑެއް ކަމަށްވާ ބަނާނާ ބޯޓުގެ ފަރާތުން އެއްކުރި ޚިޔާލު ހޯދުމެއްގައި ދުނިޔޭގެ އެންމެ ސަޅި ގޮނޑުދޮށުގެ ގޮތުގައި ވެސްޓަރން އޮސްޓްރޭލިޔާގެ ލަކީބޭ ހޮވައިފިއެވެ. މިއީ ސޯޝަލް މީޑިއާގެ އިންފްލުއެންސަރުންނާއި ޓްރަވެލް އެޖެންޓުންނާއި ނޫސްވެރިންގެ ތެރެއިން ބާރަސަތޭކައަށްވުރެ ގިނަމީހުންގެ ވޯޓަކުން ނިންމި ނިންމުމެކެވެ.

ލިސްޓުގެ ދެވަނައަށް އަރާފައިވަނީ އިންޑިޔާކަނޑުގެ ޖަޒީރާ ގައުމެއްކަމަށްވާ ސީޝެލްސްގެ ބީޗެކެވެ. ސީޝެލްސްގެ ލަޑިގޭ ބީޗެވެ. މި ލިސްޓުން ތިންވަނަ ލިބުނީ ފިލިޕީންސްގެ ޕަލަވާންގައި އޮންނަ ބީޗަކަށެވެ. މިއީ ވަށައިގެން އުފުލިފައިވާ ފަރުބަދަ ކުންނުތަކުގެ ސަބަބުން ދުރަށް ފޮރުވިފައި އޮންނަ ބީޗެކެވެ.

ލިސްޓުގެ ޓޮޕް ދިހައެއްގެ ތެރޭގައި ދެން ހިމެނެނީ ކުކް އައިލެންޑްސް، ޔޫއެސް ވާރޖިން އައިލެންޑްސް، ހަވާއީ، ގްރީސް، އަދި މެކްސިކޯއާއި އައިސްލެންޑުގެ ބީޗުތަކެކެވެ. ޓޮޕް ދިހައެއްގެ ތެރޭގައި އޮސްޓްރޭލިޔާގެ ދެތަނެއް ހިމަނާފައިވެއެވެ. ދެވަނަ ތަނަކީ ހަތަރުވަނައިގައި ލައްވައިލި ވައިޓްހެވަން ބީޗެވެ.

އިންޑިޔާ ކަނޑުން އިންޑިޔާގެ ރަދާނަގަރު ބީޗާއި މޮރިޝަސްގެ ލެމޯނޭ ބީޗާއި ސީޝެލްސްގެ ދެވަނަ ތަނެއްގެ ގޮތުގައި އަންސޭ ލާޒިއޯ ބީޗު ލިސްޓުގެ ޓޮޕް ފަންސާހަށް އެރިއިރު އިންޑިޔާ ކަނޑުގައި ފަތުރުވެރިންގެ އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖޭގެ އެންމެ ތަނެއްވެސް ހިމަނާފައިނުވެއެވެ.